އިންޑިޔާގެ ޖީއެމްއާރު ކުންފުޏްޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ދޭން، އަދި ރާއްޖެއިން އެހެން މަޝްރޫއެއް ހަވާލު ކުރަން ވެސް ދިވެހި ސަރުކާރުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.
ހޫދު މިހެން ވިދާޅުވެފައިވާ އިރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވީއައިއޭ ހިންގަން ކުރިން ހަވާލު ކުރި، ޖީއެމްއާރް ކުންފުނީގެ ޔުނިފޯމުގައި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިބޭ ފޮޓޮއެއް ދާދި ފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އަދި މާލެ ތެރޭގައި އެ ކުންފުނިން ކުރިން ވެސް ރާއްޖޭގައި މަސައްކަތް ކުރި ސީނިއާ ބައެއް ފަރާތްތައް އުޅެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވިދާޅުވީ ޖީއެމްއާރް ކުންފުނީގެ ބަޔަކު އެއާޕޯޓުގައި ތިއްބުމަކީ ސަރުކާރާ ގުޅިފައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި ޖީއެމްއާރަށް އެއާޕޯޓު ދޭން ރާވާފައި ނުވާ ކަމަށާއި އިންޑިޔާއަށް އަދި އެ ގައުމުގެ އެ ކުންފުޏަށް ރާއްޖޭގެ އެހެން ތަނެއް ވެސް ދީފައި ނުވާނެ ކަަމަށް ހޫދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލު ނުވަތަ އެހެން ތަނެއް ހޯއްދަވަން ވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަތުރުފުޅުގައި އެދި ވަޑައިގެންފައިވެސް ނުވާ ކަމަށެވެ.
"ޖީއެމްއާރްގެ ބޭފުޅުން އެއާޕޯޓުން ފެނިދާނެ. ވަރަށް ގިނަ މީހުން ރާއްޖެއަށް އާދޭ ގާތްގަނޑަކަށް މިލިއަނެއްހާ ޓޫރިސްޓުން، ހަމަ އޭގެ ބައެއްހެން އަޅުގަނޑަށް ހީވަނީ އެއީ. ޖީއެމްއާރް މީހުން ވެސް އައިސްފާނެ ރާއްޖެއަށް ޗުއްޓީއެއް ހަދާލަން. އެކަމަކު ޖީއެމްއާރްއަށް އެއާޕޯޓު އަދި އެ ނޫން ވެސް އެހެން ތަނެއް އިންޑިޔާއަށް ދޭކަށް ނެތް،" ހޫދު ވިދާޅުވި އެވެ.
ހޫދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު ހާރިޖީ ހާލަތު އޮތީ ދެ ގައުމަކަށް ފޯކަސްވެ ނިމިފައި ކަމަށާއި ނަމަވެސް މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ވަރަށް ކާމިޔާބު ކަމަށެވެ. އަދި ހަމައެކަނި އިންޑިޔާކޮޅަށް ބުރަވާ ސިޔާސަތެއް ނުގެންގުޅޭ ކަމަށާއި ހުރިހާ ގައުމަކާ ވެސް ގުޅުން ބަދަހި ކުރައްވާ ވަރުގަދަ ސިޔާސަތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަންފީޒު ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރަށް އަށް މަސް ވެފައިވާ އިރު އެ މުއްދަތުގެ ތެރޭގައި އިންޑިޔާގެ ބޮޑު ވަޒީރު ވަނީ ދެ ފަހަރަށް ރާއްޖެ ވަޑައިގެންފަ އެވެ. އަދި ރައީސް ސޯލިހު ވެސް އެ ގައުމަށް ދެ ދަތުރު ކުރެއްވި އިރު އިންޑިޔާގެ އެކްސްޓާނަލް މިނިސްޓަރު ވެސް ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އޭގެ އިތުރުން ސްރީލަންކާއަށާއި ޔޫއޭއީއަށް ވެސް ރައީސް ވަނީ ރަސްމީ ސްޓޭޓް ވިސިޓެއްް ކުރައްވައިފަ އެވެ.