ޖުޑީޝަލް ކައުންސިލް ގެ ކުއްލި ބައްދަލުވުމެއް ފަށައިގެން ކުރިއަށް އެބަ ދެއެވެ.
އެކައުންސިލުން ބުނީ، އެބައްދަލުވުމަކީ ގާނޫނުއަސާސީއާ ގާނޫނުން ޖޭއެސްސީއަސް ލިބިދީފައިވާ އިހްތިސާސްގެ ބޭރުން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ އިހްތިސާސް އަށް ހުރަސްއެޅުމަށް އެ ކޮމިޝަނުން ކުރައްވަމުން ގެންދަވާ އަމަލުތަކާ ގުޅިގެން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
ކުއްލި ބައްދަލުވުން ކުރިއަށް ގެންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޑް ކުރުމަށް ޖޭއެސްސީ އިން ނިންމާފައިވާ ނިންމުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރު ކުރުމާއި ގުޅިގެނެވެ.
ޖޭއެސްސީއިން އިއްޔެ ބޭއްވި ބައްދަލުވުމުގައި އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމީ އޭނާއަށް ޖިނާއީ ތުހުމަތެއް ކުރެވި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އެވެ. އެ މައްސަަލައަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރާ މައްސަލަ އެވެ. މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެންފައިވަނީ ރައީސް ނަޝީދެވެ.
ޖުޑީޝަލް ކައުންސިލްގެ މަގުސަދަކީ ކޯޓުތައް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެއް އުސޫލަކުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، ހުރިހާ ކޯޓެއްގައި އެއް މިންގަނޑުތަކެއް ހިފެހެއްޓުމަށް މަގުފަހިކުރުމުގެ ގޮތުން ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމެވެ. އަދި އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމާއި ކޯޓުތައް ހިންގުމާއި ޝަރީއަތް ހިންގުމުގައި ހުރިހާ ކޯޓުތަކުން ގެންގުޅެންޖެހޭ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގައި ބޭނުންވާ މަޝްވަރާތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ދިނުމެވެ.
ޖުޑީޝަލް ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައިކޯޓުގެ އިސް ފަނޑިޔާރާއި ސިވިލް ކޯޓުގެ އިސް ގާޒީއާ ކްރިމިނަލް ކޯޓުގެ އިސް ގާޒީއާ ފެމިލީ ކޯޓުގެ އިސް ގާޒީއާ ޖުވެނައިލް ކޯޓުގެ އިސް ގާޒީއާ ޑްރަގް ކޯޓުގެ އިސް ގާޒީގެ އިތުރުން ޖުޑީޝަލް ދާއިރާގެ އިސް ދެ މެޖިސްޓްރޭޓުންނެވެ.