ހަބަރު

އެލިއާއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ރާއްޖޭގައި މިއަދު ފަށައިފި އެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސް އާއި އެލިއާ އިންވެސްޓްމެންޓް ގުޅިގެން މި ޕްރޮގްރާމް ފެށީ މިއަދު ހެނދުނު 9:00 ޖެހި އިރު އެވެ. މިއަދު ހަވީރު 6:00 ޖެހުމާ ހަމައަށް ނެޝެނަލް އާޓް ގެލަރީގައި މި ހަރަކާތް ކުރިޔަށް ގެންދާނެ އެވެ.

ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓާ އަބްދުﷲ އަމީން ވިދާޅުވީ ލޭ ހަދިޔާ ކުރާ މީހުންގެ ޑޭޓާބޭހެއް މި އަހަރު ނިމުމުގެ ކުރިން ގާއިމް ކުރައްވާނެ ކަމަށެވެ.

"ލޭ ހަދިޔާ ކުރާ ފަރާތްތައް ހާއްސަކޮށް އަމިއްލައަށް އިސްނަގައިގެން އަދި ކޮންމެހެން ލޭ ބޭނުންވާ ހާލަތްތަކުގައި ލޭ ބޭނުންވާ ފަރާތްތަކުގެ މައުލޫމާތާއި އެ ބޭފުޅުން އެ ކުރައްވާ މަސައްކަތް އާންމުންނަށް އިތުރަށް ހާމަކޮށް ދިނުމަކީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން." މިނިސްޓާ ވިދާޅުވި އެވެ.

މިނިސްޓާ ވަނީ މިއަދު ކުރިއަށް ދިޔަ ހަރަކާތުގައި ލޭ ހަދިޔާ ކުރައްވާ، މޯލްޑިވްސް ބްލަޑް ސާވިސެސްގެ ވެބްސައިޓް ވެސް އިފްތިތާހު ކޮށްދެއްވާފަ އެވެ.