އަހުމަދު ނަސީމް

"ޖޫންގައި ހުރިހާ ރަށެއްގައި އެމްބިއުލާންސް އޮންނާނެ"

މި އަހަރުގެ ޖޫން ހިސާބުގައި ހުރިހާ ރަށެއްގައި ވެސް އެމްބިއުލާންސް އޮންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކެއްވީ މަކުނުދޫ ދާއިރާގެ އެއްވެސް ރަށަކަށް ދެ ފަހަަރެއްގެ މަތިންވެސް އެމްބިއުލެންސްތައް ނުލިބުމުން އެކަމާ ގުޅޭގޮތުން ސުވާލު ކުރަން އެ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހަޅުއްވައިގެނެވެ. އެހެންވެ ރަށްރަށަށް އެމްބިއުލެންސް ދޫކުރުމާ އުސޫލުާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް މިއަދު މަޖިލީހުގައި ވިދާޅުވީ ކުދި ރަށް ރަަށްރަށަށް އެމްބިއުލެންސް އެކަށީގެންވާ ވަރަށް ފޯރު ނުކޮށްދެެވޭ ކަމަށެވެ.

"ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ކުދުކުދި ރަށްރަަށަށް ބަލަން ޖެހޭ ވަރަށް ނުބެލި ހުންނަނީ. އަޅުގަނޑުމެން ހާއްސަ ގޮތެއްގައި މިހާރު މިބަލަނީ ކުދިކުދި ރަށްތަކަކީ އެކެހެރި ވެފައި އޮންނަ ރަށްތަކެއް ނޫން ކަމަށް ބަލާ އެ ރަށްރަަށަށް ދޭން ޖެހޭ ހިދުމަތްތައް އެހެނިހެން ރަށްރަށެކޭ ވެސް އެއްފަދައިން ދިއުން. މިފަހަރު މި އަންނަ އެމްބިއުލެންސް ޕްރޮގްރާމްގެ އެންމެ މަތީގައި އޮންނާނީ މަކުނުދޫ ދާއިރާ." ރާއީއަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ އަވަހަށް ވިޔަސް އެމްބިއުލެންސްތައް ލިބޭނެ ކަމަށް ބެލެވެނީ އަންނަ މަހު ހިސާބުގައި ކަމަށެވެ. އަދި ހުރިހާ ރަަށަކަށް ވާ ވަރަަށް އެމްބިއުލެންސްތައް ގެންނަން ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި ރާއްޖެއިން ގަންނަނަ އެމްބިއުލެންސްތަކާއި ޖަޕާން ސަރުކާރުގެ އެހީއާއި އެހެނިގެން ޕްރޮގްރާމްތަކުގެ ދަށުން ގެންނަ އެމްބިއުލެންސްތައް ވެސް ހިމެނޭ ކަމަށެވެ.

"މި އަހަރުގެ ޖޫން އަންނަންވާއިރަށް އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްބިއުލެންސް އޮންނާނެ" މިނިސްޓަރު ވިދާޅުވި އެވެ.