ހަބަރު

ތިމާވެށީގެ ލޯތްބާއެކު ދިރާގު ރާޅުގުޑި އިވެންޓަށް

Jun 16, 2019

ތިމާވެއްޓާ ގުޅޭ ކަމެއްގައި ވިއްޔާ އެންމެ ކުރީ ސަފަށް ދިރާގު ނުކުންނާނެ އެވެ. މި ފަހަރު ވެސް އެފަދަ ކަމެއްގައި ދިރާގު މި އޮތީ ބައިވެރިވެފަ އެވެ. މިފަހަރު އަންނަ އަންގާރަ ދުވަހު ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑު އަތޮޅުން ފަށާ ރާޅުގުޑި އިވެންޓުގަ އެވެ. އެ ކުންފުނިން މި އިވެންޓުގައި ބައިވެރިވެފައިވަނީ ތިމާވެށި ހިމާޔަތް ކުރުމުގެ ހާއްސަ މެސެޖުތަކާއެކު ތިމާވެށީގެ ލޯތްބާއެކުގަ އެވެ.

"އުތުރުން ދެކުނަށް" ގެ ނަމުގައި ކައިޓް ސާފަރުން ތަކެއް ކުރިއަށް ގެންދާ މި އިވެންޓުގެ މައުލޫމާތު ދިނުމަށް ދިރާގު އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖަރު ކޯޕަރޭޓް ރެސްޕޯންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ މި އިވެންޓަކީ ވަރަށް މުހިންމު އިޖުތިމާއީ ހަރަކާތެއް ކަމަށެވެ.

"މި އިވެންޓުގައި ރާއްޖޭގައި ސިންގަލް ޔޫޒް [އެއް ފަހަރު ބޭނުންކޮށްފައި އުކާލާ] ޕްލާސްޓިކް މަދުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެ،" ބިޝާރާ ވިދާޅުވި އެވެ.

އޮންލައިން މީޑިއާ ޕާޓްރަނަކަށް އަވަސް އޮންލައިން ހަމަޖައްސާފައިވާ "އުތުރުން ދެކުނަށް" ރާޅުގުޑި އިވެންޓުގެ މެއިން ސްޕޮންސަރަކީ "ސްލިންގްޝޮޓް" އެވެ. މިއީ ކައިޓް ސާފިން އާއި މޫދު ކުޅިވަރު ކުރިއަރުވަން ގިނަ މަސައްކަތް ތަކެއް ކުރާ ބްރޭންޑެވެ. ގިނަ ޕާޓަރުންނާއެކު ބާއްވާ މި އިވެންޓުގައި ދުނިޔޭގެ ކަނޑުތަކަށް ޖަމާވާ ކުނި ނަގައި ރީ-ސައިކަލް ކުރުމުގެ ހަރަކާތް ހިންގާ ޕާލޭ ވެސް ބައިވެރިވެ އެވެ.

ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ އަލީ ވިދާޅުވީ މި އިވެންޓުގައި ވެސް ޕްލާސްޓިކް ނެގުމުގެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.

"އިވެންޓު ކުރިއަށްދާ 15 ދުވަހުގެ ތެރޭގައި ބަލާނެ ކިތައް ޓަނުގެ ކުނިތޯ ނެގެނީ. މި އިވެންޓުގެ މަގުސަދެއް ތިމާވެށީގެ ކަންކަމުގައި މަސައްކަތް ކުރާނެ ޒުވާނުން ނެރުންވެސް،" ޝާހީނާ ވިދާޅުވި އެވެ.

ސްލިންގްޝޮޓުން ވާހަކަ ދެއްކި އާސިމް މުހައްމަދު (ސިމްބެ) ވިދާޅުވި ގޮތުގައި މި އިވެންޓުގެ ސަބަބުން ކައިޓް ސާފިންއަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ލިބޭނެ އެވެ.

"އިވެންޓު ކުރިއަށްދާއިރު އެކި ސަރަހައްދުގައި ތިބި ޒުވާނުނަށް ފުރުސަތު ދިނުމުގެ ގޮތުން އެކި ސަރަހައްދުތަކުގައި މަޑުކުރާނެ. އޭރުން އެ ސަރަހައްދުތަކުން ބައިވެރި ވެވޭނެ،" ސިމްބެ ވިދާޅުވި އެވެ.

ރާޅުގުޅި އިވެންޓު އައްޑު އަތޮޅުން އަންގާރަ ދުވަހު ފަށާއިރު، މި އިވެންޓުގައި ކައިޓް ދުއްވަން ބައިވެރިވަނީ އަހުމަދު ހަމްދާން ހަމީދު (ހަމްބެ) ގެ އިތުރުން އާސިމް މުހައްމަދު ފުޅު (ސިމްބެ) އާއި އަބްދުﷲ ތަސްލީމް (ޑެލިއޯ) އަދި ކައިޓް ސާފިންގެ ދުނިޔޭގެ އިވެންޓުތައް ކާމިޔާބުކޮށްފައިވާ ޔޯރީޒޫން އެވެ.

ރާޅުގުޑި އައްޑު އަތޮޅުން ތުރާކުނަށް ކުރާ މި ދަތުރުގެ ދިގު މިނަކީ 15 ދުވަހެވެ. އެ މުއްދަތުގައި 20 ރަށެއްގައި މަޑުކުރާނެ އެވެ. އަދި ހާއްސަ ބައެއް ހަރަކާތްތައް މި ރަށްރަށުގައި ހިންގާނެ އެވެ. މީގެ ތެރޭގައި ބައެއް ރަށްތައް ސާފު ކުރުންވެސް ހިމެނެ އެވެ.