މެޗުގެ ބޮޑު ބައެއް 10 ކުޅުންތެރިންނާއެކު ކުޅުނު އެކްއެޑޯގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ކޮޕާ އެމެރިކާގެ އެންމެ ކާމިޔާބު ޓީމު އުރުގުއޭ މޮޅަކުން މުބާރާތް ފަށައިފި އެވެ.
މެޗުގެ 24 ވަނަ މިނެޓުން ފެށިގެން، އެކްއެޑޯ ކުޅެމުން ދިޔައީ، އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އުރުގުއޭގެ ހޯސޭ ކޮންޓޭރޯސް އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އެއީ އެކްއެޑޯގެ އޭރިއާގެ ބޭރުން އުރުގުއޭގެ ނިކޮލަސް ލޯޑިއޭރޯ އާ ދެކުޅުންތެރިން ބޯޅައަށް މަސައްކަތް ކުރުމުގެ ތެރޭގައި ކޮންޓޭރޯސްގެ ފައިން ލޯޑިއޭރޯގެ މޫނުގައި ޖެހުމުންނެވެ. އެންމެ ފުރަތަމަ ރެފްރީ ދެއްކީ ރީނދޫ ކާޑެކެވެ. އެހެންނަމަވެސް ވީއާއާރުން ލިބުނު އިޝާރާތުން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.
އޭރުވެސް އުރުގުއޭ ވަނީ ލީޑް ނަގާފަ އެވެ. މެޗު ފެށިގެން ހަ ވަނަ މިނެޓްގައި، އުރުގުއޭގެ ލަނޑު ލޯޑިއޭރޯ ކާމިޔާބު ކުރީ ލުއިސް ސުއަރޭޒް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. އުރުގުއޭގެ ދެ ވަނަ ލަނޑު 33 ވަނަ މިނެޓްގައި އެޑިންސަން ކަވާނީ ކާމިޔާބު ކުރީ، ކެޕްޓަން ޑިއޭގޯ ގޮޑިން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު ކޮޅު އުރުގުއޭގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ، ސުއަރޭޒް އެވެ. އުރުގުއޭގެ ހަތަރު ވަނަ ލަނޑަކީ، އެކްއެޑޯގެ އޭންހަލް މިނާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ރޭ ކުޅުނު ފުރަތަމަ މެޗުގައި، ބައްދަލު ކުރީ ޕެރަގުއޭ އާއި އޭޝިއާގެ ޗެމްޕިއަން ގަތަރެވެ. ޕެރަގުއޭއިން ދެ ލަނޑު ލީޑެއް ނަގާފައި ވަނިކޮށް ގަތަރު ވަނީ މެޗުގެ ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ 2-2 އަށް ހަމަހަމަ ކޮށްފަ އެވެ.
ޕެރަގުއޭއިން ވަނީ މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި ލީޑް ނަގާފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި ލަނޑު ޖެހީ އޮސްކާ ކާޑޯޒޯ އެވެ. އެކްއެޑޯގެ ދެ ވަނަ ލަނޑު 66 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑާލިސް ގޮންޒާލޭޒް އެވެ.
ގަތަރުގެ ފުރަތަމަ ލަނޑު 68 ވަނަ މިނެޓްގައި، ކާމިޔާބު ކުރީ އަލް މުއީޒް އަލީ އެވެ. ގަތަރުގެ ދެ ވަނަ ލަނޑަކީ ޕެރަގުއޭގެ ރޮޑްރިގޯ ރޯހަސް އަތުން ބައިކޯޅަށް ވަން ލަނޑެކެވެ.