ވިޑޯ ރޮޑްރިގެޒްގެ ފުރަތަމަ ގައުމީ ލަނޑާއި އެކު އާޖެންޓީނާ ގްރޫޕުގެ އެއްވަނަ އަށް އަރައިފި އެވެ.
މިއަދު ފަތިހު އެސްޓޭޑިއޯ ޑި ބްރެޒީލިއާ ސްޓޭޑިއަމްގައި އުރުގުއޭ އާއި ވާދަކޮށް އާޖެންޓީނާ ކުރި ހޯދީ 1-0 ގެ ނަތީޖާ އަކުންނެވެ. މެޗުން މޮޅުވި ގޯލު، މެޗުގެ 13 ބަނަ މިނެޓުގައި ރޮޑްރިގެޒް ޖަހައިދިނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ.
މީގެ އިތުރުންވެސް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ގިނަ ފަހަރު ހޯދާފައިވާ މެސީ ވަނީ، ގޯލު ޖެހުމަށް ގިނަ ފުރުސަތު ތަކެއް އޭނާގެ ޓީމު ކުޅުންތެރިންނަށް ތަނަވަސް ކޮށްދީފަ އެވެ. އެގޮތުން އޭރިއާގެ ބޭރުން މެސީ ފޮނުވާލި ބާރު ބޯޅަ އުރުގުއޭ ކީޕަރުގެ އަތު ޖެހިފައި ރިބައުންސްވި ނަމަވެސް، މާޓިނެޒް އަށް ވަނީ އެބޯޅަ ގޯލަށް އަމާޒު ނުކުރެވިފަ އެވެ. އަދި ދެ ކުޅުންތެރިން ކައިރިން ބީޓު ކޮށް މޮލީނާ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ހަނި އޭންގަލަށް އަމާޒު ކޮށްފަ އެވެ. ނަމަވެސް އުރުގުއޭގެ ކީޕަރު ހުށިޔާރު ކަމާއެކު އެ ބޯޅަ ދިފާއު ކުރި އެވެ.
މި މެޗުގައި އުރުގުއޭ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އާޖެންޓީނާގެ ގޯލަށް އަމާޒުކޮށް އެންމެ ބޯޅައެއްވެސް ފޮނުވާލެވިފައެއް ނުވެ އެވެ. ބާސެލޯނާއިން ބާކީ ކޮށްލުމުން އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި އުރުގުއޭގެ ތަރި ލުއިސް ސުއަރެޒް އަށް ލިބުނު ފުރުސަތު އޭނާ ވަނީ ބޭކާރު ކޮށްލާފަ އެވެ. އޭނާ ޖެހި ވޮލީ ދިޔައީ ގޯލުގެ މާ މަތިންނެވެ.
މެޗު ފެށުނީއްސުރެ ނިމެންދެން ދެ ޓީމުންވެސް ކުޅެފައި ވަނީ ވަރަށް އަވަސް އެޓޭކިން ގޭމެކެވެ. ނަމަވެސް މާ ގިނަ ގޯލު ތަކެއް މި މެޗުގައި ފެނިގެން ގޮސްފައެއް ނުވެ އެވެ.
އާޖެންޓީނާ އާއި އުރުގުއޭގެ އިތުރުން މި ގްރޫޕުގައި ރޭ ބައްދަލު ކުރީ ޗިލީ އާއި ބޮލީވިއާ އެވެ. އެރީނާ ޕެންޓަނަލް ގައި ކުޅުނު މި މެޗު 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ޗިލީ އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 10 ވަނަ މިނެޓުގައި ބެން ބްރެރެޓަން އެވެ.
މި ނަތީޖާ ތަކާއި އެކު މިހާރު ގްރޫޕުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާއި އެކު އޮތީ އާޖެންޓީނާ އިންނެވެ. ޗިލީއަށް ދެވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުން އާޖެންޓީނާ މަތީގައި އޮތީމަ އެވެ. އެއް މެޗުން މޮޅުވެ، ޕެރެގުއާއީ އޮތީ ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި ޕޮއިންޓެއް ނުލިބި އުރުގުއޭ އޮތް އިރު، ބޮލީވިއާ ގްރޫޕުގެ ފުލުގައި އޮތީ ބައިކޮޅަށް ގިނަ ގޯލު ވަދެފައި ވާތީ އެވެ.