ކުޅިވަރު

ކޮލިފައިންގައި އާޖެންޓީނާ އާއި އުރުގުއޭ މޮޅުވެއްޖެ

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެކުނު އެމެރިކާގެ ޒޯންގެ ފުރަތަމަ މެޗުތަކުން އާޖެންޓީނާ އާއި އުރުގުއޭ މޮޅުވެއްޖެ އެވެ.

އެކްއެޑޯ އާ ދެކޮޅަށް ކުޅުނު މެޗު އާޖެންޓީނާ ކާމިޔާބު ކުރީ 1-0 ންނެވެ. އެ ޓީމުގެ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ކެޕްޓަން ލިއޮނެލް މެސީ އެވެ. މެޗަށް ނުކުތުމުގެ ކުރިންވެސް އާޖެންޓީނާގެ ކޯޗް ލިއޮނެލް ސްކަލޯނީ ބުނީ، އެކްއެޑޯ އާ ދެކޮޅަށް ނުކުންނަ މެޗު ވެގެންދާނި އާޖެންޓީނާ އަށް އުނދަގޫ މެޗަކަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މެސީ ބުނީ އުނދަގޫ މޮޅަކުންވެސް ކޮލިފައިންގެ ފުރަތަމަ މެޗުން ތިން ޕޮއިންޓް ލިބުމަކީ ވރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ޗިލީ އާ ދެކޮޅަށް ކުޅުނު އުރުގުއޭ މޮޅުވީ 2-1 ންނެވެ. އުރުގުއޭގެ ފުރަތަމަ ލަނޑު ލުއިސް ސުއަރޭޒް ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. ދެ ވަނަ ހާފުގައި ޗިލީގެ އިންޓަ މިލާން ފޯވަޑް އެލެކްސިސް ސަންޗޭޒް ޗިލީ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އުރުގުއޭ މޮޅު ކޮށްދިން ލަނޑު މާރިއޯ ގޯމޭޒް ކާމިޔާބު ކުރީ މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގަ އެވެ.

ޕެރަގުއޭ އާއި ޕެރޫ ކުޅުނު މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ ޕެރޫ އިންނެވެ. އެ ޓީމުގެ ލަނޑު 52 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެންޑްރޭ ކަރީޔޯ އެވެ. މެޗުގެ 66 ވަނަ މިނެޓްގައި ޕެރަގުއޭގެ އޭންހެލް ރޮމޭރޯ ޕެރަގުއޭއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ޕެރަގުއޭ ލީޑް ނެގި އެވެ. މެޗުގެ 81 ވަނަ މިނެޓްގައި އެ ލަނޑު ވެސް ކާމިޔާބު ކުރީ ރޮމޭރޯ އެވެ. ލީޑްގައި ޕެރަގުއޭ އަށް ހިފަހައްޓާ ލެވުނީ ހަތަރު މިނެޓް އެވެ. ކަރީޔޯ ވަނީ 85 ވަނަ މިނެޓްގައި އަލުން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.