އާޖެންޓީނާ އާއި ޗިލީ ކޮޕާ އެމެރިކާ 2021 ގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ހަތް ޕޮއިންޓާއެކު އާޖެންޓީނާ އޮތީ ގްރޫޕް އޭގެ އެއް ވަނައިގަ އެވެ. ޗިލީ ކުއާޓާ ފައިނަލަށް ދަތުރު ކުރީ ދެ މެޗުން އެއް ވަރުވެ، އެއް މެޗުން މޮޅުވެގެން ފަސް ޕޮއިންޓާއެކު ގްރޫޕްގެ ދެ ވަނައިގަ އެވެ.
ބްރެޒިލްގެ އެސްޓަޑިއޯ ނަސިއޮނާލްގައި ރޭ އާގެންޓީނާ އާއި ޕެރެގުއޭ ބައްދަލު ކުރި މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި މި ލަނޑު އާޖެންޓީނާ އަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ފޯވާޑް އަންދްރޭ ގޮމެޒް (ޕާޕޫ ގޮމެޒް) އެވެ. ޕާޕޫގެ މި ލަނޑަކީ ޑިމާރިއާ ދިން ޕާހެއް އޭރިއާ ތެރޭގައި ހުރެފައި މަޑުމަޑުން ކީޕަރުގެ ބޯމަތިން އޮއްސާލައިގެން ވައްދާލި ގޯލެކެވެ.
އޭގެ ފަހުން ވެސް އާޖެންޓީނާއަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އޭރިއާ ރޮނގު ކައިރިން ބާސެލޯނާގެ ތަރި ލިއޮނެލް މެސީ ފޮނުވާލި ހިލޭޖެހުން ގޯލާއި އަމާޒު ވެފައެއް ނުވެ އެވެ. އާޖެންޓީނާ އިން އިތުރު ގޯލެއް ޖެހި ނަމަވެސް މެސީ ހުރީ އޮފްސައިޑުގައި ކަމަށް ނިންމާ ރެފްރީ ވަނީ ގޯލު ކެންސަލް ކޮށްފަ އެވެ.
ދެވަނަ ހާފުގައި ޕެރަގުއޭ އިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އާޖެންޓީނާގެ ގޯލަށް ފޮނުވާލާފަ އެވެ. ނަމަވެސް އާޖެެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް މާ ހުށިޔާރެވެ. އާޖެންޓީނާގެ ގޯލު ފޫއަޅުވާލިއަ ނުދީ އޭނާ ވަނީ ގިނަ ބޯޅާތަކެއް ސަލާމަތް ކޮށްފަ އެވެ. ދެވަނަ ހާފުގައި އާޖެންޓީނާއަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.
ރޭގެ މި މެޗަކީ އާޖެންޓީނާގެ ތަރި މެސީއަށް ވަރަށް ހާއްސަ ރެއެކެވެ. ރޭގެ މެޗާއެކު މެސީ ވަނީ 147 މެޗު ކުޅެ ގައުމީ ޓީމަށް އެންމެ ގިނަ މެޗުގައި ކެޕްޓަންކަން ކޮށްދިން ރިކޯޑު ހަދާފަ އެވެ. މި އަދަދަކީ ރިޓަޔަޑް ހާވިއާ މަޝެރާނޯ އާޖެންޓީނާގެ ކެޕްޓަންކަން ކުރި އަދަދާއި އެއްވަރު އަދަދެކެވެ.
މި ގްރޫޕުގެ ޗިލީ އާއި އުރުގުއޭ މިއަދު ފަތިހު ވަނީ ބައްދަލު ކޮށްފަ އެވެ. އެރީނާ ޕެންޓަނަލް ގައި ކުޅުނި މި މެޗު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފަ އެވެ. މެޗުގެ 26 ވަނަ މިނެޓުގައި ޗިލީގެ އެޑުއާޑޯ ވާގަސް ޗިލީއަށް ލީޑު ނަގައިދިނެވެ. އޭނާ މި ގޯލު ކާމިޔާބު ކޮށްދިނީ އޭރިއާގެ ކަނާތުފަޅިން ވަދެ ބާރު ބޯޅައެއް ދުރު ކަނަށް ފޮނުވާލައިގެންނެވެ. އުރުގުއޭގެ ގޯލަކީ ޗިލީގެ އާތޫރޯ ވިޑާލްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.
ކޮންމެ ގްރޫޕެއްގައި ފަސް ޓީމު ވާދަ ކުރާއިރު ގަދަ ހަތަރު ޓީމު ކުއާޓާ ފައިނަލަށް ދަތުރު ކުރާނެ އެވެ. ތިން މެޗު ކުޅެ ޗިލީ އާއި އާޖެންޓީނާ މިހާރު ވަނީ ދެވަނަ ބުރު ޔަގީން ކޮށްފަ އެވެ. އެއް ވަނައިގައި އާޖެންޓީނާ އޮތީ ހަތް ޕޮއިންޓާއި އެކު އެވެ. ޗިލީއަށް ދެވަނަ ލިބެނީ ދެ މެޗުން އެއްވަރުވެ އެއް މެޗުން މޮޅުވެގެން ފަސް ޕޮއިންޓާއި އެކު އެވެ. ތިން ޕޮއިންޓާއި އެކު ތިން ވަނައިގަިއ އޮތީ ޕެރެގުއޭ އެވެ. އުރުގުއޭ ހަތަރު ވަނައިގައި އޮތީ އެންމެ ޕޮއިންޓެއް ލިބިގެންނެވެ. ހުރިހާ މެޗަކުން ބަލިވެ ބޮލީވިއާ އޮތީ ގްރޫޕްގެ ފުލުގަ އެވެ.