ހަބަރު

މަޖިލީހުގެ އާ އިމާރާތް މިރޭ ބޭނުން ކުރަން ފަށަނީ

ރައްޔިތުން މަޖިލީހުގެ އާ އިމާރާތް ފުރަތަމަ ފަހަރަށް މިރޭ ބޭނުން ކުރަން ފަށަން ނިންމައިފި އެވެ.

މަޖިލީހުގެ ތަޅުމުގައި ކޮމިޓީތަކުގެ ތާވަލު އިއުލާން ކުރައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ މިރެއިން ފެށިގެން އާ އިމާރާތުގެ ދެ ކޮމިޓީ ކޮޓަރިއެއް ބޭނުން ކުރަން ފެށޭ މިންވަރަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ކޮމިޓީ ކޮޓަރި ހަތަރަކާއި ފަހެއްގައި ބޭނުން ކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބިގެންދާނެ ކަމަށެވެ.

"މި ރެއަކީ ކޮޓަރީ ހަތަރަކާއި އަކާއި ފަހެއް އިފްތިތާހު ކުރުމުގެ ނަސީބު އަޅުގަނޑުމެންނަށް ލިބޭ ރޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ސުވާލު ކުރުމުން މަޖިލީހުގެ ޑައިރެކްޓާ އޮފް މީޑިއާ ހަސަން ޒިއާއު ވިދާޅުވީ މަޖިލީހުގެ އާ އިމާރާތް އެއްކޮށް ބޭނުން ކުރެވޭ ވަރަށް މަސައްކަތްތައް އަދި ނިމިފައި ނުވާ ކަމަށެވެ. ބައެއް ފަރުނީޗަރު ފަދަ ސާމާނު ހޯދުމުގެ މަސައްކަތްތައް ކުރިޔަށް ދާ ކަމަށާއި ނަމަވެސް ކޮމިޓީ ކޮޓަރިތައް ބޭނުން ކުރާ ވަރަށް ނިމިފައިވާ ކަމަށެވެ.

"އެހެންވީމަ މިރެއަކީ މިއީ ފުރަތަމަ ފަހަރަށް މަޖިލިސް މެންބަރުން ރަސްމީކޮށް އާ އިމާރާތް ބޭނުން ކުރާ ފަހަރު،" ޒިޔާއު ވިދާޅުވި އެވެ.