ހަބަރު

ޝުޖޫން އަގު ވަޒަންކޮށް އޭނާ އަށް ހަނދާނީ ފިލައެއް އަރުވައިފި

ސިވިލް ކޯޓުގެ ގާޒީއަކަށް ހުންނެވި އާއިޝާ ޝުޖޫން މުހައްމަދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުން އޭނާ ކުރެއްވި މަސައްކަތުގެ އަގު ވަޒަންކޮށް ސިވިލް ކޯޓުން އޭނާ އަށް ހަނދާނީ ފިލައެއް ދީފި އެވެ.

އެ ހަނދާނީ ފިލާ ޝުޖޫނަށް ދީފައި ވަނީ އޭނާ ކުރެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ކޯޓުގައި މިއަދު ބޭއްވި ހަފުލާއެއްގަ އެވެ. އެ ހަފުލާގައި އެ ކޯޓުގެ އިސް ގާޒީ އާއި އެހެން ގާޒީންނާއި މުވައްޒަފުން ބައިވެރިވި އެވެ.

ރާއްޖޭގައި ފަނޑިޔާރު ކަމަށް ފުރަތަމަ އައްޔަން ކުރެއްވި އަންހެން ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝުޖޫން ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި 2007 ވަނަ އަހަރު އެވެ. އޭގެފަހުން މިއަދާ ހަމައަށް ވެސް އޭނާ ހުންނެވީ ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގަ އެވެ.

ފާހަގަކުރެވޭ ބޮޑެތި އެތައް މައްސަލައެއް ބައްލަވާފައިިވާ ޝުޖޫނަށް ރިޝްވަތުގެ ގޮތުގައި ފަސް މިލިއަން ޑޮލަރު މީހަކު ދޭން އުޅުނު މައްސަލައެއް ވެސް ވަރަށް ފަހުން ފެންމަތިވި އެވެ. އޭނާ އަށް ރިޝްވަތު ދޭން ހުށަހެޅި ކަމަށް ޓީވީއެމުން ގެނެސްދޭ ހޭޔަންބޯ ޕްރޮގްރާމްގައި ޝުޖޫން ވިދާޅުވުމުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ވެސް ބެލި އެވެ.

ޝުޖޫން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވާއިރު އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ އދ. ގެ ސަބް ކޮމެޓީ އަށް މިދިޔަ އޮކްޓޫބަރު މަހު އޭނާ ވަނީ އިންތިޚާބުވެ ވަޑައިގެންފަ އެވެ. އެއީ އެ ކޮމެޓީއަށް އޭނާ އިންތިޚާބުވި ދެވަނަ ފަހަރެވެ.