ދުނިޔެ

ގޮލާން ހައިޓްސްއަށް ޓްރަމްޕްގެ ނަން!

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ކުރާ ތާއީދު ހާމަކޮށްދިނުމުގެ ގޮތުން ބައިނަލް އަގްވާމީ ހުރިހާ ގާނޫނަކާއި ހިލާފަށް އަރައިގަނެ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ގޯލާންގެ ބިންތަކަށް ޓްރަމްޕްގެ ނަންފުޅުން ނަން ދެއްވައިފި އެވެ.

ޓްރަމްޕްއަކީ ނެތަންޔާހޫ އަދި އިޒްރޭލުގެ ވަރަށް ގާތް އެކުވެރިއެއް ގޮތުގައި ސިފަ ކުރައްވަމުން ގޮލާން ހައިޓްސްއަކީ އިޒްރޭލަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އަދި އެތަނަކީ އަބަދުވެސް އިޒްރޭލާއި ވަކި ނުކުރެވޭނެ އިޒްރޭލްގެ ބައެއް ކަމަށް ނެތަންޔާހޫ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ޓްރަމްޕްގެ އުފަން ދުވަސް ފާހަގަ ކޮށްފައިވާއިރު ޓްރަމްޕްގެ ނަމުން ތަނަކަށް ނަންދިނުމަށް ވުރެ މޮޅު ހަދިޔާއެއް ނުދެވޭނެ ކަމަށް އެމެރިކާއިން އިޒްރޭލަށް ފޮނުވާފައި ހުންނަވާ ސަފީރު ޑޭވިޑް ފްރައިޑްމަން ވިދާޅުވި އެވެ.

އިޒްރޭލުން ގޮލާން ހައިޓްސް އަތުލައިގަނެފައި ވަނީ 1967 ވަނަ އަހަރު މެދު އިރުމަތީ ހަނގުރާމައިގައި ސީރިއާގެ އަތުން ނެވެ. އަދި 1981 ވަނަ އަހަރު ގޮލާން ހައިޓްސްއަކީ އިޒްރޭލްގެ ތަނެއް ކަމަށް ހަދާފައިވާއިރު ބައިނަލް އަގްވާމީ ދުނިޔެއިން ދެކެމުން އައީ އެއީ މަނާ ކަމެއްގެ ގޮތުގަ އެވެ.

ނަމަވެސް އިޒްރޭލްގެ އިންތިހާބު ފަށަން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އެމެރިކާގެ ޒަމާންވީ ޕޮލިސީތައް ބާތިލްކޮށް އެމެރިކާއިން ގޮލާން ހައިޓްސްއަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި ބަލައިގަންނަ ތަނެއްކަމަށް ސޮއިކުރި އެވެ.