ދުނިޔެ

އެމެރިކާގެ އަސްކަރީ އެހީތެރިކަން އިޒްރޭލަށް ހުއްޓުމެއް ނެތި ކުރިއަށް

އެމެރިކާއިން އިޒުރޭލަށް ފޯރުކޮށްދޭ އަސްކަރީ އެހިތެރިކަމަށް ނިމުމެއް ނެތެވެ. ޒަޔަނިސްޓުން ޣައްޒާއަށް އަރައިގަނެ ހިންގަމުންދާ ގަތުލުއާންމުގައި މަރުވެފައިވާ މީހުންގެ އަދަދު 38،000 ފަހަނައަޅައި ގޮސްފައިވާއިރުވެސް އެމެރިކާއިން ދަނީ ބާރުގަދަ ބޮންތައް އިޒުރޭލަށް ފޯރުކޮށްދެމުންނެވެ.

އެމެރިކާގެ މި އަމަލުތަކާ މެދު މުޅި ދުނިޔެ -- އދގެ ގުނަވަންތަކާއި ހިލޭ އެހީދޭ ޖަމާއަތްތަކުން ކަންބޮޑުވެ ފާޅުކުރާ ޝުއޫރަކަށް އެމެރިކާގެ އެއްވެސް ކަންބޮޑުވުމެއް އަޅާލުމެއް ނެތެވެ.

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިމުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ޖަމާއައްތަކުން ބުނާ ގޮތުން އެމެރިކާގެ އެއްބާރުލުން ނެތި އިޒުރޭލަށް މިހާ ބޮޑުވަރު ޣައްޒާއަކަށް ނުކުރެވޭނެ އެވެ.

އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ ގޮތުގައި ތިބި އިނގިރޭސިވިލާތް، ޖަރުމަން، ފަރަންސޭސިވިލާތް އަދި ދެކުނު ކޮރެއާއިން ވެސް އިޒުރޭލަށް އަސްކަރީ އެހިތެރިކަން ފޯރުކޮށްދެ އެވެ.

މިއީ މުޅިންވެސް އެމެރިކާގެ އެދުމަށް އަދި އެމެރިކާ އަޑީގައި އޮވެގެން ގައުމުތައް ލައްވައި ކުރުވާ ކަންތައްތަކެވެ.

އިޒުރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުރިއަށްދާ ގޮތުން މިއީ ނުފޫޒުގަދަ ބަޔަކު ރާވައިގެން ސިޔާސީ ވަކި ބޭނުމަކު ކުރުވާ ކަމެއްކަން ވަރަށް ސާފެވެ.

އެމެރިކާގެ ބޭނުމަކީ ފަލަސްތީންގެ ބިންތަކުން އާންމުން ބޭރުކުރުމަށްފަހު އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމެވެ. މިއީ ހަމައެކަނި އިޒުރޭލުގެ ރޭވުމެއް ނޫނެވެ.

ދުނިޔޭގެ ލޯމައްޗަށް އިޒުރޭލުގެ ހަރަކާތްތައް ފެނުނު ނަމަވެސް އަޑީގައި ތިބި ބަޔަކު ބުނެގެން ހިންގާ އެޖެންޑާއެއްކަން މިހާރު ދެން މިއޮތީ ގަބޫލުކުރަން މަޖުބޫރުވެފަ އެވެ.

އިޒުރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އެމެރިކާ ބުނެއްޖެނަަމ ނުވަތަ އިޒުރޭލާ މެދު ސީރިއަސް ފިޔަވަޅެއް އަޅަން އެމެރިކާގެ ރައީސްއަށް ކެރިވަޑައިގެންފިނަމަ، ޣައްޒާ ހަނގުރާމަ މިހާރު އޮންނާނީ ހުއްޓާލާފަ އެވެ.

ނަމަވެސް ޒަޔަނިސްޓުން ގުޅިގެން ހިންގާ އެޖެންޑާއެއްގައި، މަގުސަދަކީ ޔަހޫދީން ވަޒަންވެރިކުރުމަށް އިތުރު ބިންތައް ހޯދުން ކަމަށްވާނަމަ، ޣައްޒާ ހަނގުރާމަ އަދިވެސް ދާނީ ކުރިއަށެވެ.