ހަބަރު

މަޖިލީސް މަސައްކަތަށް ހުރަސް އެޅޭ އަމުރު ކުރަން ސުޕްރީމް ކޯޓަށް އިލްތިމާސް ކުރަނީ

Jun 18, 2019
10

ފަނޑިޔާރު އަބްދުﷲ ދީދީ ސްސްޕެންޑު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން މަޑު ޖައްސާލަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ގާނޫނުއަސާސީއާ ހިލާފު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އެއްވެސް އަމުރެއް ނުހިންގަން ސުޕްރީމް ކޯޓަށް އިލްތިމާސް ކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސުޕްރީމް ކޯޓަށް އެ އިލްތިމާސް ކުރަން މަޖިލީހުގައި މިއަދު ނެގި ވޯޓު ފާސް ކުރަން 64 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވި އެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް އެ އިލްތިމާސް ކުރަން ފާސްވި ކަމަށް ރިޔާސަތުން ނިންމެވި އެވެ.

އޭގެ އިތުރުން އަލަށް އުފެއްދި ޖުޑިޝިއަލް ކޮމިޓީން އެ މައްސަލައާ ގުޅޭ ގޮތުން ހެދި ރިޕޯޓަށް ވެސް ވަނީ ވޯޓަށް އަހާފަ އެވެ. އެ ރިޕޯޓަށް ވެސް 64 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ދޭން ނުފެންނަ ކަމަށް ވެސް ހަ މެންބަރަކު ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ޖުޑީޝަލް ކޮމިޓީގެ ރިޕޯޓުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަން ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރިމަތި ކުރުވާ ކަމަށާއި ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރިމަތި ކުރުވާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ އާއި ޖޭއެސްސީގެ ގާނޫނުން އެ ކޮމިޝަނަށް މަތިކޮށްފައިވާ މަސައްކަތް ކުރުމުގެ އިހުތިސާސުގެ ތެރެއަށް ސުޕްރީމް ކޯޓު ވަނުމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ޖޭއެސްސީން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައި ނެތް ކަމަށާއި އެ އަމުރުގައި ވަނީ އަމަލު ކުރަން ފަސް ކުރުމަށް ކަމަށް ވާއިރު އެ ނިންމުމުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލެއް ނޫފެދޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އަދި އެ ނިންމުމާ މެދު ސުވާލު އުފެދޭނެ ގާނޫނީ ހުއްޖަތެއް ނެތް އިރު އެ ނިންމުމަކީ ސައްހަ އަދި ދެމިއޮތް ނިންމުމެއް ކަމަށާއި އެ ނިންމުމަށް ފުރިހަމައަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކުން އަމަލު ކުރަން ޖެހޭ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ޖޭއެސްސީގެ ނިންމުން ދަމަހައްޓާ ތަންފީޒު ކުރުމަށްޓަކައި ކަމާބެހޭ ގާނޫނުތަކަށް ބަދަލު ގެނެސް ސުޕްރީމް ކޯޓުން ޖޭއެސްސީގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަށް ހުރަސް އެޅުން ހުއްޓުވަން މި ހިނދުން މިހިނދަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށާއި ސުޕްރީމް ކޯޓުގެ އަމިއްލަ އިސް ނެގުމަށް ނުވަތަ ސޫމޯޓޯކޮށް މައްސަލަތައް ބެލުން ހުއްޓުވުމަށްޓަކައި ގާނޫނީ ގޮތުން މަޖިލީހުން ކުރަން ޖެހޭ ކަންކަން ކުރަން ޖެހޭ ކަމަށް ވެސް ކޮމިޓީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން ޖޭއެސްސީގެ ނިންމުމަކީ ގާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމުމެއް ކަމަށް މަޖިލީހުން ކަނޑައެޅުމާއި މިނިވަން މުއައްސަސާތަކަށް ސުޕްރީމް ކޯޓުން ނުވަންނުމަށް އެ ކޯޓަށް އިލްތިމާސް ކުރުމަށް ނިންމުމަށް ކޮމިޓި އިން ނިންމި އެވެ.

ޖުޑިޝިއަލް ކޮމިޓީ އިން ޖޭއެސްސީގެ މެންބަރުންނާ ސުވާލު ކުރުމަށް ފަހު އިތުރަށް ފާހަގަކޮށްފައި ވަނީ ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމުގެ ކަންކަން ކުރިޔަށް ނުގެންދެވޭނެ ކަމަށް 2014 ވަނަ އަހަރު އުއްތަމަފަނޑިޔާރު ސޮއި ކުރައްވާފައިވާ ލިޔުމަކާ ހެދި އެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި އަދި އެ މަސައްކަތް އަލުން ފެށިއްޖެ ނަމަ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެ ކޮމިޝަންގެ ޒިންމާ އަދާކުރި ނަމަ މިއަދު ރަނގަޅު ފަނޑިޔާރު ގެއެއް ފެންނާނެ ކަމަށް ކޮމިޓީ އިން ވަނީ ފާހަގަކޮށްފަ އެވެ.

ފަނޑިޔާރުންނަށް ތަމްރީނު ދިނުމުގައި ޖޭއެސްސީ އިން އިހުމާލުވެފައިވާކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ސިއްރުން މަސައްކަތް ކުރުމުގެ ބޭނުމުގައި ރެކޯޑު ކުރަމުން ދިޔަ ޖަލްސާތައް ވަކި ހިސާބަކުން ރިކޯޑު ނުކުރާ ގޮތަށް އެ ކޮމިޝަނުން ފާސްކޮށްފައިވާ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެއެވެ.