ހަބަރު

ރާޅު ގުޑީގެ ބޮޑު ހަރަކާތް ފަށައިފި

އައްޑޫ ސިޓީއިން: ނާޒިމް ހަސަން
Jun 18, 2019
4

ކައިޓް ސާފިން، ނުވަތަ ރާޅުގުޑީގެ އެންމެ ބޮޑު ހަރަކާތް މިއަދު ހަވީރު އައްޑޫ ސިޓީގައި ފަށައިފި އެވެ. މި ހަރަކާތް ރަސްމީކޮށް ފެށުމަށް ހަވީރު ބޭއްވި ހަރަކާތުގައި އައްޑޫ ސިޓީ ހިތަދޫގެ ބައެއް ތަންތަން ސާފު ކުރުމުގެ ހަރަކާތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

"ދެކުނުން އުތުރަށް" ނަމުގައި މުޅި ރާއްޖެ އެއް ކޮޅުން އަނެއް ކޮޅަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ހަރަކާތް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގާއި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަޒްމީލެވެ.

ހަރަކާތް ފެށުމަށް ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދުގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު އަޒްމީލް ވިދާޅުވީ ރާއްޖޭގައި މޫދު ކުޅިވަރު ތަރައްގީކުރުމަށް މި ސަރުކާރުން ވަރަށް މަސައްކަތް ކުރާ ކަމަށާއި އެ ކުޅިވަރުތައް ކުރިއަރުވައި މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވީ ތާރީހީ ބޮޑު ހަރަކާތެއް އައްޑޫ ސިޓީއިން ފެށިގެން ދިޔުމަކީ ވަރަށް އުފާ ކުރާ ކަމެއް ކަމަށެވެ. އަދި މިފަދަ ކުޅިވަރުތަކުގައި ވީހާވެސް ގިނަ އައްޑޫގެ ޒުވާނުން ބައިވެރިވުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ފެށުމުގެ ހަފުލާއަށްފަހު ހަރަކާތުގައި ބައިވެރިވާ ހަތަރު ކައިޓް ސާފަރުން ވަނީ ކައިޓް ދުއްވާލާފަ އެވެ. އެ ހަރަކާތް ބެލުމަށް އެ ސަރަހައްދަށް ސްކޫލް ކުދިންނާއި ޒުވާނުން އެއްވެ ތިއްބެވެ. ކައިޓް ސާފަރުންގެ ތެރޭގައި ދެ ފަހަރަށް ވޯލްޑް ކައިޓް ސާފިން ޗެމްޕިއަންކަން ހޯދާފައިވާ ޔޫރީ ޒޫން ވެސް ހިމެނެ އެވެ.

ދެން ބައިވެރިވާ ތިން އެޓްލީޓުންނަކީ ރާއްޖޭގެ ތިން އެޓްލީޓުން ކަމަށްވާ ސިންބެ، ހަމްބެ އަދި ޑެލިއޯ އެވެ.

ރާއްޖޭގެ އެއް ކޮޅުން އަނެއް ކޮޅަށް ޖަހާ ދަތުރު ފެށުމަށް ހަމަޖެހިފައިވާ މާދަމާ ފަތިހު ގަމުންނެވެ. މާދަމާ ގަމުން ފުވައްމަލަކަށް ދަތުރު ކުރާނެ އެވެ. އަދި ކަައިޓް ސާފަރުން އެ ރަށަށް ފައިބާނެ އެވެ.

ރާއްޖޭގެ "އުތުރުން ދެކުނަށް" ހަތަރު ކައިޓް ސާފަރުން ކުރާ މި ދަތުރުގެ މައި ސްޕޮންސަރަކީ ސްލިންގްޝޮޓެވެ. ތާރީހީ މި ދަތުރުގައި ދުނިޔޭގެ ރެކޯޑަކާ ގާތަށް ދެވޭނެ ކަމަށް ބެލެވެ އެވެ.

ރާޅުގުޑީގައި ދަތުރުކުރުމުގެ އިތުރުން މި ހަރަކާތަކީ ޕްލާސްޓިކާއި މޫދަށް ކުނި އެޅުމާ ދެކޮޅަށް ހިންގޭ ކެމްޕެއިނެއް ވެސްމެ އެވެ. ދަތުރުގައި މޫދުން ކުނި ނެގުމަށް ހަމަޖެހިފައިވާއިރު، ރަށްރަށުގެ ގޮނޑުދޮށް ސާފުކުރަން ވެސް ވަނީ ނިންމާފަ އެވެ. މި ހަރަކާތުގައި ތިމާވެއްޓަށް މަސައްކަތް ކުރާ ޕާލޭ އާއި ޒީރޯ ވޭސްޓްގެ އެހީތެރިކަން ފޯރުކޮށްދެ އެވެ.