ހަބަރު

މާލެ އިން ވިލިމާލެ އަށް ބްރިޖު އަޅަން އޮތީ ސާވޭ ކޮށްފަ

Jun 19, 2019
10

މާލެ އާއި ވިލިމާލެއާ ދެމެދު ބްރިޖު އަޅަން ކުރިން ސާވޭ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ޕާޓްނާޝިޕް ފޯރަމަށް ސަރުކާރުން ވަނީ މާލެ- ވިލިމާލެ އަދި ގުޅީފަޅު ބްރިޖަކުން ގުޅާލައި ވިޔަފާރި ބަނދަރުގެ މަޝްރޫއު ފަށަން ބޭނުންވާ ފައިސާ ހޯދަން ހުށަހެޅި އެވެ. މިކަމަށް 488 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.5 ބިލިއަން ރުފިޔާ) ހޯދަން ހުށަހެޅި އެވެ.

ފޯރަމް ނިންމުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ބްރިޖު އަޅަން ކުރިން ވެސް ސާވޭ ކޮށްފައި އެބަހުރި ކަމަށެވެ. ނަމަވެސް އެއީ ކޮން އިރަކު ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

"ކުރިން ވެސް އެބަހުރި ސާވޭ ކޮށްފައި. އެ ސާވޭތަކާއި އަޅުގަނޑުމެންގެ ޓެކްނިކަލް އެކްސްޕާޓުންނާއި ގުޅިގެން ކުރި މަސައްކަތުން ނެރެވިފައިވާ އަދަދެއް [488 މިލިއަން ޑޮލަރު] އަކީ،" އަމީރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މިހާރު އަޅާފައިވަނީ ޗައިނާގެ ސީސީސީ ކުންފުނިން އެޅި "ސިނަމާލެ ބްރިޖު" އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ވިލިމާލެ- އާއި މާލެ ބްރިޖުން ގުޅާލަން މަސައްކަތް ކުރާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން 2017 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މާލެ އާއި ހުޅުލެއާ ދެމެދު ސިނަމާލެ ބްރިޖު ނިމުމުން މާލެއާއި ވިލިމާލެއާއި ގުޅިފަޅުގެ އިތުރުން ތިލަފުށި ވެސް ގުޅާލާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިލިމާލެ ބްރިޖު ޔަގީންގެ ނަމުގައި ހާއްސަ ޖަލްސާއެއް ވެސް ބާއްވާފައިވެ އެވެ. ނަމަވެސް ރަސްމީކޮށް ސާވޭއެއް ކުރިކަމަށް ބުނެފައެއް ނުވެ އެވެ.