ހަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަތޯ ބަލަން އާޒިމް ހުށަހަޅުއްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ފުރިހަމަތޯ ބަލަން މަޖިލީހުން އަންގަން މެންބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވައިފި އެވެ.

ޖޭއެސްސީގެ ނިންމުމުގެ މައްޗަށް ބިނާކޮށް ރައްޔިތުން މަޖިލީހުން ނިންމާ ނިންމުންތައް ބާތިލު ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު ނެރުނު އަމުރާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ހުށަހެޅި މައްސަލާގައި ބަހުސް ކުރައްވަމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނިންމުންތައް ބާތިލު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމަށް ގާނޫނު އަސާސީން ތަން ނުދޭ ކަމަށެވެ.

އާޒިމް ފާހަގަ ކުރެއްވީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާ އެވެ. އެ މާއްދާގައި ވަނީ ގާނޫނު އަސާސީން އެހެން ގޮތަކަށް ބަޔާންނުކުރާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއްގައި އެ ކަން ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ޝަރުއީ ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށެވެ.

ބަހުސްގައު އާޒިމް ވިދާޅުވީ ޖޭއެސްސީގައި ގާނޫނުގައިވާ ގޮތަށް ވީ އެންމެ އަވަސް ފުރުސަތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ފުރިހަމަވޭތޯ ބަލަން ހުށަހަޅުއްވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އެއްވެސް ކަހަލަ ކޮރަޕްޝަންގެ މައްސަލައެއް އޮތްތޯ ބަލައި ޖޭއެސްސީން އެ މައްސަލަތައް ވެސް ބަލައިދޭން ވެސް އެދި ވަޑައިގެންނެވި އެވެ.

އާޒިމް ވަނީ ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އާޒިމް ވިދާޅުވީ ކޯޓުގެ އަމަލުތައް ހުރީ "ފުކެއް ބޮޑު ވަރު" ކޮށް ކަމަށެވެ.

ގާނޫނު އަސާސީން ދީފައިނުވާ އެއްވެސް ބާރެއް އެއްވެސް މުއައްސަސާއަކަށް ބޭނުންކު ރެވިގެން ނުވާނެ ކަމަށާއި ކޮންމެ ކަމެއްގައި ފަހު ބަސް ބުނުމުގެ ފުރުސަތު ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. ސުޕްރީމް ކޯޓަށް ފަހު ބަސް ބުނުމުގެ ބާރު އޮންނަނީ ޝަރުއީ ކަންކަމުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހަމަ ބޭނުން ކަމެއްގައި ފަހު ބަސް ބުނުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ދީފައެއް ނެތް. ގާނޫނު އަސާސީގައި އޮންނަނީ ސުޕްރީމް ކޯޓުން ޝަރީއަތުގެ ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކަށް. މި ރާއްޖޭގައި ހިނގާ ކޮންމެ ކަމަކާމެދު ފަހު ބަސް ބުނާކަށް ނޯވޭ." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގައި އިންސާފު އޮތީ "ގަނެ ވިއްކާ"' ކަމަކަށް ވެފައި ކަމަށެވެ. ޝަރުއީ ކޯޓުތައް އާޒިމް ސިފަ ކުރެއްވީ "ނީލަން ފިހާރަތައް" ގޮތުގައި ކަމަށެވެ. ޝަރީއަތްތައް ނިމެނީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް މަންފާވާ ގޮތަށް ކަމަށާއި އެ ކަމުގެ ސަބަބުން ރައްޔިތަކަށް ލިބޭ ގެއްލުމަކާ މެދު ވިސްނުމެއް ނޯންނަ ކަމަށެވެ.