ހަބަރު

ލުތުފީ އޭސީސީން ވަކިކުރަން ކޮމިޓީން ނިންމައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ އޭސީސީގެ މެންބަރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މިދިޔަ ބުދަ ދުވަހު މިނިވަން މުއައްސަސާތަކުުގެ ކޮމިޓީއަށް އޭސީސީގެ މެންބަރުން ވަނީ ހާޒިރުކޮށްފަ އެވެ. ނަމަވެސް އެ ދުވަހުގެ ކޮމިޓީއަށް އޭސީސީގެ ރައީސް ލުތުފީ ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ.

ކޮމިޓީގައި ތިއްބަވާ މަޖިލިސް މެންބަރުން ލުތުފީއާ މެދު ސުވާލު ކުރެއްވުމުން އޭސީސީގެ މެންބަރުން ވިދާޅުވި ގޮތުގައި ލުތުފީ ވަޒީފާއަށް ނުކުމެވަޑައިނުގަންނަވާތާ ދެ މަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. ނަމަވެސް އޭނާ މުސާރަ ނަންގަވަ އެވެ.

ވަޒީފާއަށް ނުކުމެވަޑައިނުގަންނަވާ މައްސަލައަށް ރިއާޔަތްކޮށް ލަތީފު ވަކިކުރަން ކޮމިޓީއަށް އެ ދުވަހު ހުށަހެޅުއްވި އެވެ. އެކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވީ އޭނާ މަގާމުން ވަކި ކުރުމަށެވެ.

އޭސީސީން ކޮމިޓީއަށް ފޮނުވި ސިޓީގައިވާ ގޮތުގައި ލުތުފީ އެންމެ ފަހުން ވަޒީފާއަށް ނުކުމެވަޑައިގަތީ ފެބްރުއަރީ 6، 2019 ގަ އެވެ. އަދި އޭޕްރީލް 14، 2019 އާ ހަމައަށް އޭނާ ޗުއްޓީ ނެންގެވި ކަމަށާއި ނަމަވެސް ޗުއްޓީ ހަމަވުމަށް ފަހުގައި ވެސް ވަޒީފާއަށް ނުކުމެވަޑައެއް ނުގަންނަވަ އެވެ.