ދިވެހި ޕްރެމިއާ ލީގް

ޔޫވީން ވެސް ވިކްޓަރީ ކޮޅަށް ހަތަރު ލަނޑު ޖަހައިފި

ޔުނައިޓަޑް ވިކްޓަރީންވެސް، ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައިފި އެވެ.

މި ނަތީޖާ އާއެކު ކުޅުނު ދެ މެޗުން ވިކްޓަރީ ކޮޅަށް ވަނީ އަށް ލަނޑު ވަދެފަ އެވެ. އެ ޓީމަށް އެންމެ ލަނޑެއްވެސް އަދި ނުޖެހެ އެވެ. ކުރިން ވިކްޓަރީގެ ބީ ޓީމުގެ ގޮތުގައި ކުރިން އޮތް ޔުނައިޓަޑް ވިކްޓަރީ މި އަހަރު ނިކުތީ ވަރުގަދަ ސްކޮޑަކާއެކު އެވެ. މިއީ 2016 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި އެ ޓީމުން ވާދަ ކުރަން ފެށި ފަހުންވެސް އެ ޓީމުގައި އޮތް އެންމެ ވަރުގަދަ ސްކޮޑެވެ.

ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީ ސްޕޯޓްސް ކުލަބުގައި އޮތީ، އެ ޓީމުގެ މުޅި ހަޔާތުގައި ވެސް ފެންނާނެ އެންމެ އާދައިގެ ސްކޮޑެވެ. މުޅިން ޒުވާން ކުޅުންތެރިންނާއެކު ޓީމު އެކުލަވާލާފައިވާއިރު އެ ޓީމުގައި ބިދޭސީ ކުޅުންތެރިޔެއް ވެސް ނެތެވެ.

މިރޭގެ މެޗުގައި، ޔުނައިޓަޑް ވިކްޓަރީގެ އެންމެ ބޮޑު ތަފާތަކަށް ފެނުނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިންނެވެ. މެޗު ފެށިގެން ނުވަ ވަނަ މިނެޓްގައި ކުރިން މާޒިޔާއަށް ކުޅުނު ކޮވަސެވިޗް މިލޯސް ވަނީ ޔުވީއަށް ލީޑް ނަގައިދީފަ އެވެ.

ދެ ވަނަ ހާފުގައި، ވިކްޓަރީގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ބޮޑަށް ވަރުބަލި ވެފައިވާ ތަނެވެ. އޭގެ ބޭނުން ޔޫވީގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ހިފި އެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފުގަ އެވެ.

ޔުނައިޓަޑް ވިކްޓަރީގެ ބެލަރޫސްގެ ފޯވަޑް ކިލެބަޒްލޯއޯ ޑިޒެމިޓްރީ ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭނާ އެވެ. އޭނާ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، މެޗުގެ 54 ވަަނަ މިނެޓްގަ އެވެ.

ޔޫވީގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އިސްމާއީލް ޝާފީއު 'އިއްސޭ' އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 68 ވަނަ މިނެޓްގަ އެވެ. ޑިޒްމިޓްރީގެ ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ 81 ވަނަ މިނެޓްގަ އެވެ.