ކުރިއަށް އޮތް ދެ ދުވަހު ރާާއްޖޭގެ އެކިކަންކޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްތަކަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހުމަދު ރަޝީދު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އެ ގޮތުން ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ، މޫސުން އެހާ ސާފެއް ނޫން. ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ." އަހުމަދު ވިދާޅުވި އެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ. އެހެން ހިސާބުތަކަށް ލަފާ ކުރެވެނީ ކަނޑުތައް ގަދަވާނެ ކަމަށެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ރާއްޖެއަށް މޫސުން ގޯސްވެ މިހާރު ކުރަމުންދާ ވިއްސާރާގައި ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވައި ގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވާން މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މޫސުން ގޯސްވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރާއިގައި ފެން ބޮނޑުވި ރަށްރަށަށް އިތުރަށް ވާރޭ ވެހިދާނެ ކަމަށް ލަފާ ކުރެވޭތީ އެފަދަ ރަށްރަށުގެ ގޭގެއަށް ފެން ނުވަންނާނެ ގޮތަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީއިން ދަނީ ކުރަމުންނެވެ.