ހަބަރު

ވިލާ ކޮލެޖުން ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުން ސެޕްޓެމްބަރު އިންޓޭކްގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސެޕްޓެމްބަރު މަހަށް ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ބިޒްނަސް މެނޭޖްމެންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރިއާ އެންޑް ލޯ، ބޭންކިން އެންޑް ފައިނޭންސް، ނާސިން، ޕަބްލިކް ހެލްތް، އިކޮނަމިކްސް، ހިއުމަން ރިސޯސެސް، އެކައުންޓިން، ރިސާޗް އަދި މެރިން ސްޓަޑީސް ހިމެނެއެވެ. މި ދާއިރާތަކުން ޖުމްލަ 90 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އިއުލާންކޮށްފަ އެވެ.

މިއަދު ހުޅުވާލި ފުރުސަތުގައި 12 މާސްޓާސް ފެންވަރުގެ ކޯސް ތަކާއި، 19 ޑިގްރީ ފެންވަރުގެ ކޯސްތަކާއި، 17 ޑިޕްލޮމާ ފެންވަރުގެ ކޯސްތަކާއި 13 ފައުންޑޭޝަން ފެންވަރުގެ ކޯސްތަކާއި ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއެ ހިމެނެއެވެ.

ވިލާ ކޮލެޖުން މިއަދު އިއުލާން ކުރި ކޯސްތަކަކީ އެ ކޮލެޖުން އަމިއްލައަށް ކުރިއަށް ގެންދާ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ ބެޗެލާސް އަދި މާސްޓާސް ޑިގްރީގެ ކޯސްތަކެވެ.

މި ކޯސްތައް މާލޭގައި ހުންނަ މައި ކެމްޕަހުގަ އާއި އަތޮޅުތަކުގައި ހުރި ވިލާ ކޮލެޖްގެ ކެމްޕަސްތަކުގައި ވެސް ކިޔަވައި ދޭނެ އެވެ. ކޯސްތަކުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހެވެ. ކޯސްތަކުގެ ކިޔެވުން ފަށަނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގަ އެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ ގޮތުން ދަރިވަރުންނަށް މަހު އިންސްޓޯލްމަންޓް އަށް ފީ ދެއްކޭނެ އިންތިޒާމް ވެސް ސެޕްޓެމްބަރު މަހުން ފެށިގެން ވަނީ ހަމަޖައްސާފަ އެވެ.