ހަބަރު

މާކުރަތު އިސް މެޖިސްޓްރޭޓަށް ތުހުމަތުވާ ޖިންސީ ގޯނާގެ މައްސަލައެއް ޖޭއެސްސީއަށް

ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސައިންއަށް ތުހުމަތު ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

ޖޭއެސްސީ އިން ވަނީ އަދުނާންގެ މައްސަލައެއް ހުށަހަޅާފައިވާާކަން "އަވަސް" މިރޭ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ޖޭއެސްސީއަށް އެމައްސަލަ ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. ޖޭއެސްސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، މާކުރަތު ކޯޓުގައި މަސައްކަތް ކުރާ އަންހެން ދެ މުވައްޒިފުންނަށް އެ ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރި ކަމަށެވެ. އަދި އެކޯޓުގައި ކުރިން މަސައްކަތް ކުރި އަންހެން މުއައްޒަފަކަށް އެކޯޓުގެ ކޮމްޕިއުޓަރުން ބަރަހަނާ ވީޑިއޯތައް ދައްކާފައި ކަމަށްވެސް ތުހުމަތު ކޮށްފައިވެ އެވެ.

އެ މުއައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކޮށްފައިވަނީ ބިރު ދައްކައިގެން ކަމަށް ވެސް އެ މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތު ކޮށްފައިވެ އެވެ.

މީގެ އިތުރުން އެ މައްސަލަ ހުށަހެޅި ފަރާތުން ވަނީ މެޖިސްޓްރޭޓް އަދުނާން ޅ. ނައިފަރު ކޯޓުގައި މަސައްކަތް ކުރިއިރު އެކޯޓުގެ ބައެއް މުއައްޒަފުންނަށް ވެސް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރިކަމުގެ ތުހުމަތުކޮށްފަ އެވެ.

މެޖިސްޓްރޭޓް އަދުނާންގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާއިރު، ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހްމަދު މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.