މިހާރަކަށް އައިސް އޮޅުވާލައިގެން މީހުން އަތުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި މިރޭ އާންމުކުރި ބަޔާނެއްގައި ވަނީ ފުލުހުން ބުނީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ ދެ ތިން މައްސަލަ ހަފުތާއަކު މިހާރު ފުލުހުންނަށް ހުށަހެޅެމުންދާ ކަމަށެވެ. އެގޮތުން ރީލޯޑާއި ރާސްތަސް ކުރުމުގައި އޮޅުވާލައިގެން ބޮޑެތި އަދަދަތަކުން ރީލޯޑާއި ރާސްތަސްކޮށް، މަދުން ފައިސާ ދިނުން ފަދަ ކަންތައްތައް ކުރަމުންދާ ކަމަށެވެ. އަދި އެކި ކަހަލަ މަރާމާތުތައް ކުރަން ކަމަށް ބުނެ އެ މަރާމާތަށް ބޭނުންވާ ސާމާނެއް ހިފައިގެން ގޮސް އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެފަދަ އެތައް މައްސަލައެއް ފުލުހުންނަށް ހުށަހެޅެމުންދާއިރު އެފަދަ މައްސަލަތަކުގައި ފައިސާ ހަވާލުކުރަނީ ކޮން ފަރާތަކާ ކަން ނޭނގުމުގެ ސަބަބުން އެފަދަ މައްސަލަތައް ކުރިއަށް ގެންދަން ދަތިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެހެންވެ ނުދަންނަ ނަމްބަރުތަކުން ނުވަތަ ކާކުކަން ނޭނގޭ ގޮތަށް ގުޅައިގެން ކިތަންމެ ބޮޑު މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ބުނި ނަމަވެސް އެފަދަ އެއްވެސް ފަރާތަކަށް ފައިސާ ނުދިނުމަށް އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ. އަދި އެފަދަ މުއާމަލާތެއް ކަން ޝައްކު ކުރެވޭ ހިސާބުން ފުލުހުންނަށް އެކަން އެންގުމަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.