ރިޕޯޓް

ޖަލު ހަލަބޮލިކުރުން: ސިޔާސީ ބޮމެއް!

ރާއްޖޭގެ ހުރަގެތަކުގައި ހިނގާ ކަންކަމާއި އެ އިރެއްގެ އޮންނަ ސަރުކާރެއްގެ ހަމަޖެހުމާ ގުޅިފައި އޮންނަ ކަމީ މާޒީން ފެންނަން އޮތް ހަގީގަތެކެވެ. ސިޔާސީ ބޭނުމެއްގައި ޖަލު ހަލަބޮލި ކުރުން ނުވަތަ ޖަލުގައި ހިނގާ ހާދިސާއަކާ ގުޅިގެން ސަރުކާރަށް އަންނަ ލޮޅުންތަކެވެ. ދެ ގޮތުން ވެސް ސަރުކާރު "ގޮޅިއަކަށް" ފެތިދާނެ އެވެ. އެހެންވެ ޖަލު ހަލަބޮލި ކުރުމަކީ އެއްވެސް ސަރުކާރަކުން ކުޑަކޮށް ނަގާ މައްސަލައެއް ނޫނެވެ.

ސެޕްޓެމްބަރު 19، 2003 އީވާން ނަސީމްއަށް އަނިޔާ ކުރި މީިހުން އަތުން އޭނާ މަރުވުމާއި އެއާ ވިދިގެން ޖަލުގައި ބަޑި ޖަހައި އެތަށް ގައިދީއެއް މަރާލި ހާދިސާއަކީ މިސާލެކެވެ. އޭރު ރާއްޖޭގެ ޕޮލިޓިކްސް އޮތީ މިހާ ފުޅާކޮށެއް ނޫނެވެ. ގައިދީއެއް ނޫނަސް "މިނިވަން" ކަމެއް ނެތެވެ. އެ ދުވަސްވަރު އޮތް ނޫ ގާނޫނުއަސާސީން ހައްގުތައް އޮތި ކުޑަ ގޮޅިއެއް ގައެވެ.

އީވާން ނަސީމްގެ މަރަކީ އޭރު ފިލައި ތިބި ސިޔާސީ ފަރާތްތަކަށް ހިންދެމިލަން ހުޅުވިގެން ދިޔަ ފުރުސަތެކެވެ. ޖަލު އަނިޔާގެ ސަބަބުން ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް މަޖުބޫރުވެވަޑައިގަތީ ބާރުތައް ދޫކުރާށެވެ. އިސްލާހީ ބޮޑެތި ބަދަލުތައް ގެންނަންށެވެ.

މިހާރު ހިނގައިގެން އުޅޭ ޖަލު ހަމަނުޖެހުންތަކުގެ ސަބަބުން އެފަދަ ބޮޑު ގެއްލުމެއް ސަރުކާރަށް ލިބޭނެ ކަމަށް ނުބެލެވެ އެވެ. އެއީ އޭރު ގައިދީން ބަލަހައްޓަމުން ދިޔަ ގޮތާއި މިހާރުގެ ހަލަތު އެއްވަރެއް ނޫނެވެ. އަދި މިހާރު ހިނގާ ކަންކަމުން ޖަލު ބޭރުން ހޫނު ނުވެގެން އުޅެނީ ވެސް "ނޫސް ބަޔާނާއި ޓުވިޓާގައި ސުވާލުކޮށްގެން" ޕްރެޝަރު ކުރާ ބަލިކަށި އިދިކޮޅެއް އޮތީމަ އެވެ. އެކަމަކު އަޅައި ނުލާ ދޫކޮށްލެވޭހާ ވަރަށް ޖަލު ހާލަތު ރަނގަޅެއް ނޫނެވެ. އެކަން މިފަހަރު މި ފެންމަތިވި މައްސަލައިން އެނގެ އެވެ.

ބުރާސްފަތި ދުވަހު ހަވީރު 4:00 ހާއިރު ގައިދީއަކު ކަރެކްޝަންސްގެ އޮފިސަރެއް ކައިރީ އެދުނީ ޖަލަށް ވެއްދުމުގެ ހުއްދަ ނެތް އެއްޗެއް ދިނުމަށެވެ. "ސިއްރު ކޮމިޓީގައި" މި ވާހަކަ ދެއްކިޔަސް މިއީ ޖަލުގައި ހިނގާ އާންމު ކަމެކެވެ. ފޯނާއި ސިނގިރޭޓާއި މަނާ އެތަކެއްޗެއް ޖަލަށް ވަންނަ އެއް ރޫޓަކީ ހަމަ ޖަލު އޮފިސަރުންނެވެ. ނަމަވެސް މިފަހަރު އެ އެއްޗެއް ދޭން ދެކޮޅު ހަދުމާ ގުޅިގެން ގައިދީ އޮފިސަރަށް ދަގަނޑުބުރިއަކުން ހަމަލާ ދިނީ އެވެ. "ޖަލު އަނިޔާއަށް" ވީ ދެން ހިނގި ކަންކަމެވެ.

"އޭނާ ބުނާ އެތި ގެނެސް ދޭން އޮފިސަރު ދެކޮޅު ހެދީ. އެކަން ނުކޮށް ދީފިއްޔާ ލޑ ނަމޭ ބުނީމަ އޮފިސަރު ވެސް ހަމަ އޭނާއަށް އަނބުރާ ރައްދު ދޭން ފެށީ. އެކަން ހޫނުވެ އެ ގައިދީ އޮފިސަރާ ދިމާލަށް ދަގަނޑުބުރިއެއް އެއްލާ ހަމަލާ ދިނީ. އެހާ ހިސާބުން ވަގުތުން ރެޑް އެލާޓު ނެރި ދެ ގައިދީ މައިތިރި ކުރަން ފަސް އޮފިސަރަކު ގޮޅިއަށް ވަދެ އެ މީހުން ގައިގައި ތަޅައި ޕެޕާ ސްޕުރޭ ޖެހީ،" ނަން ހާމަ ނުކުރަން ޝަރުތުކޮށް ކަރެކްޝަންސްގެ އޮފިސަރަކު ވިދާޅުވި އެވެ.

ދެ ފަރާތަށް ހެދިފައި ހުރި ބޮޑެތި ގޯސްތަކެއް އެބަހުއްޓެވެ. ނަމަވެސް އެކަން އެހާ ހިސާބުން ނުނިމެ އެވެ. އެ ގައިދީގައި ތަޅާ އަޑަށް އެހެން ގޮޅިތަކުން ވެސް މީހުން ހަޅޭއްލަވާ އިތުރު އުނދަގޫތައް އޮފިސަރުންނަށް ޖެއްސީ އެވެ. ކުއްލިއަކަށް 30 ހަކަށް އޮފިސަރުން އެ ގޮޅިތަކަށް ވަދެ އެ ޕެޕާ ސްޕްރޭ ޖަހީ އެވެ. އެވަރުން ނުފުދިގެން ހައެއްކަ ގައިދީ ހިފަހައްޓަ ބަހައްޓާފައި ބޯ ވެސް ބޭލީ އެވެ.

ގައިދީންނާއި އޮފިސަރުންގެ "ރައިވަލްރީ"

އެއީ މިއަދު ޖަލުގެ ހާލަތު އޮތް ދަށު ދަރަޖަ އެވެ. އެފަދަ ހަމަނުޖެހުމެއް ހިނގާ އޮފިސަރުން ވެސް ހައްދުން ނެއްޓާ ހިސާބަށް ދިޔުމުން ސަރުކާރަށް މަޑުމަޑުން ފިލައި ނުތިބެވޭނެ އެވެ. އެކަން އެނގޭތީ ވަގުތުން އަނިޔާއަށް އިއުތިރާފުވެ ހަގީގަތް ހާމަކޮށް، ފޮޓޯތައް ވެސް ދޫކޮށްލި އެވެ. އޭގެ ސަބަބުން ޕްރެޝަރު ވަރަށް ބޮޑަށް ވެސް ކުޑަވި އެވެ. ނަމަވެސް އެގެ ބެކް ފަޔާ ވެސް ކުރި އެވެ.

ޖަލުގައި އޮފިސަރުންނާއި ގައިދީންގެ ދެމެދުގަި އޮންނަނީ ބޮޑު ރައިވަލްރީ އެކެވެ. އެ ދެ ފަރާތުގައި ޖެހުނު މައްސަލާގައި ސަރުކާރުން ނިކުމެ ފުރަތަމަ އެރީ ގައިދީންގެ ފަހަތަށެވެ. ދިވެހި ދައުލަތުން ސޮއިކޮށްފައިވާ މުއާހަދާތަކާއި، އިންސާނީ ހައްގުތަކަށާއި އަދި ބައިނަލްއަގުވާމީ އާންމު އުސޫލުތަކަށް ބަލާއިރު އެއީ އެކަން އޮންނަން ވެސް ޖެހެނީ އެ ގޮތަށެވެ.

ނަމަވެސް އަނެއްކޮޅުގައި ތިބި ހޯމް މިނިސްޓްރީގެ ސިޔާސަތުތައް ތަންފީޒު ކުރަން ތިބި މުއައްސަސާ އެކަމާ "ހިތުގަ ޖެހުނެވެ." ގައިދީންނާ ހެދި އެ މީހުންނަށް ލިބޭ އުނދަގޫތަކާއި ދަތިތައް އޮތްތާ އޮއްވާ، އޮފިސަރުންނަށް ފިޔަވަޅު އަޅާނެ ވާހަކަ ދެއްކުމުންނެވެ. ކަރެކްޝަންސްގެ ތެރެއިން ސަރުކާރަށް އަންނަ އެ ޝަކުވާ އޮތީ ވަރަށް ބޮޑުވެފަ އެވެ.

ގައިދީންނަށް ލިބުނު އަނިޔާތަކުގެ ފޮޓޯތަކައި ވާހަކަތައް ސޯޝަލް މީޑިއާގައި ދައުރުވާ ފަދައިން ކަރެކްޝަންސްގެ އޮފިސަރުން އެ މީހުންގެ ކަންބޮޑުވުންތަކުގެ ވާހަކަ ބައެއް މީޑިއާތަކުގައި ވެސް ޖެހި އެވެ. އޮފިސަރުންނަށް އުޅެން ޖެހިފައިވާ ބިރުވެރި މާހައުލާއި ރައްކާތެރިކަން ޖަލުން ބޭރުގައި ވެސް ނެތުމާއި ގައިދީންނާއި އެ މީހުނާ ގުޅިފައި އޮންނަ ގްރޫޕުތަކުން ކުރާ ޖެއްސުމެވެ. ޖަލުގައި އޮތްހާ ގައިދީން ބެލެހެއްޓޭ ވަރަށް އޮފިސަރުން ނެތުމާއި ތަމްރީން ނުދިނުމާއި ވަސީލަތްތައް މަދު ކަމުގެ ޝަކުވާ އެވެ.

އެނގިފައިވާ މި ފަހުން ޖެހުނު މައްސަލައާ ހެދި ސަރުކާރުން ފިޔަވަޅު އަޅަން ފެށުމުން ބައެއް ޖަލު އޮފިސަރުން ވަޒީފާއަށް ނުނިކުމެ އިހުތިޖާޖު ކުރަން ވެސް އުޅުނެވެ. ނަމަވެސް އެކަމެއް ނުވި އެވެ. ނަމަވެސް ސިޔާސީ ގޮތް ގޮތުން ސަރުކާރުގެ ތެރެއިން ތަފާތު ޕްރެޝަރުތައް ދަނީ ކުރަމުންނެވެ.

ހަގީގަތަކީ "ޖަލު އަނިޔާއާ ދެކޮޅަށް" އިންތިހާބުވި މި ސަރުކާރުން ވަކި ކޮޅަކަށް އަރާ ތަނެއް ނުފެނުމެވެ. ތަހުގީގުކޮށް އޮފިސަރުންނަށް ފިޔަވަޅު އަޅަން ނިންމުމުގެ އިތުރުން ގައިދީންގެ ގޮޅިތައް ވެސް ރެއިޑު ކުރެ އެވެ. އަނެއްކާ ބާރުގެ ބޭނުން ކުރަން ޖެހުނު ހާލަތުގައި ހުއްދަ އާއެކު ޕެޕާ ސްޕްރޭ ޖަގައި މައިތިރި ވެސް ކޮށްފި އެވެ. އިތުރު އެހީއަށް ފުލުހުން ވެސް ޖަލަށް ފޮނުވި އެވެ.

"ގައިދީންނަކީ އެ މީހުންގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ އަދަބު ތަންފިޒު ކުރަންތިބި ބައެއް، އެ މީހުންނަށް ހައްގު ނޫން އިތުރު އަދަބެއް ލިބިގެން ނުވާނެ. އަދި ކަރެކްޝަންސްއަކީ މިދިޔަ ހުރިހާ ސަރުކާރަކުން ވެސް އަޅައި ނުލާ އިހުމާލުވެފައި އޮތް މުއައްސަސާއެއް. އެ ފަރާތްތަކުގެ ހައްގާއި އެ މީހުންނަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީންތައް ވެސް ދޭން ޖެހޭ. އަޅުގަނޑުމެން މިތިބީ އެ ހާލަތު ބަދަލު ކުރަން އައިސް. ވަގުތު ނަގާނެ މި މަސައްކަތަށް އެކަމަކު މިހާރު ވެސް އޮޑިޓެއް ހަދައި ހާލަތު ދެނެގަނެވި މަސައްކަތް ފެށިފައި މި ވަނީ،" ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ގައިދީންނާއި އޮފިސަރުންނަކީ ދެ ފަރާތުގެ ދެމެދުގައި ރައިވަލްރީއެއް އޮންނަން ޖެހޭ ބައެއް ނޫނެވެ. ގައިދީން އޮފިސަރުންނަށް ކިޔަމަން ވާން ޖެހެ އެވެ. އޮފިސަރުންނަކީ ޕްރޮފެޝަނަލިޒަމް ހިފަހައްޓައި ހައްގު ނޫން ފިޔަވަޅު އަޅައިގެން ނުވާނެ ހަރުދަނާ ބަޔަކަށް ވާން ޖެހެ އެވެ.

އަޑީގައި ސިޔާސީ އަތެއް؟!

ބުރާސްފަތި ދުވަހު ޖަލުގައި ހިފި ހުޅުގަނޑު އަދިވެސް ކުޑަ އެއް ނުވެ އެވެ. ހަމައަކަށް އެޅޭ އިރަށް ޖަލުގެ އެކި ދިމާލުން އިހުތިޖާޖު ކުރާ ކަމުގެ އަޑުތަކާއި ސިޓީތަކާއި ވީޑިއޯތައް ނެރެ އެވެ. މިހާރު ވެސް ބަނޑުހައި މިހާރު ވެސް ކޮންމެ ދުވަހަކު ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރެ އެވެ. އެކަން ވެސް ކުރަނީ ވަރަށް ފާޑަކަށެވެ. މެނދުރު ނުކައިފިއްޔާ ރޭގަނދު ރަނގަޅަށް ކައެވެ. ނަމަވެސް އެ މައްސަލަ އަދިވެސް އެއްކޮށް ނުނިމިގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟

ޖަލު ހަލަބޮލިކަމުގައި ސަރުކާރާއި މަޖިލީހުން ހިފައިގަނެ އެ މަސައްކަތުގައި ކުއްލިއަކަށް ބިޒީވާން ޖެހުމާއެކު ފަނޑިޔާރު ގޭގެ "ސާފު ކުރުމަށް" ހިޔަނި އެޅިގެން ހިނގައްޖެ އެވެ. އިތުބާރު ގޮތަކަށް "އަވަސް"އަށް އެނގިފައި ވަނީ ބުރާސްފަތި ދުވަހުގެ ހާދިސާގައި ފެށުނީ އެފަދަ ހައި ޕްރޮފައިލް ފަރާތްތަކާ ގުޅުން އޮންނަ ގައިދީއަކާ ހިސާބުންނެވެ. އޭގެ ފަހުން ބައެއް ފޯން ކޯލުތައް ޖަލުތެރެއަށް އެބަ އާދެ އެވެ. ހަލަބޮލި ކުރުން ނުހުއްޓަން ބާރު އަޅައި ހަރަދު ކުރެ އެވެ. މީގެ ގްރާސް ރޫޓަށް ދާއިރު މިއީ ސީދާ ފަނޑިޔާރެއްގެ "ކަރުގައި ހިފުމުން" ސަރުކާރާ ދިމާލަށް އެއްލި "ބޮމެއް" ކަމެއް ނުވަތަ މީގައި އިތުރު ކަންތައް ގަނޑެއް ވެސް އުޅޭތޯ ސުވަލު އުފެދެ އެވެ.

އެ މައްސަލާގައި ހޯމް މިނިސްޓަރު ފުރަތަމަ ކުރެއްވި ޓްވީޓުގައި ވިދާޅުވި ގޮތުގައި ޖަލު ހަލަބޮލިކޮށްގެން ދެން ސިޔާސި ފައިދާއެއް ނުނެގޭނެ އެވެ. އެ ޒަމާން ގޮއްސި އެވެ. ނަމަވެސް މިކަން މަތަ ނުކުރެވިއްޖެ ނަމަ ގެއްލުން ދައްކާނެ އެވެ. އޭގެ ބޭނުން ހިފަން އެނގުން އިދިކޮޅު މިހާރު ތިބީ ސަރުކާރުގަ އެވެ.