ރިޕޯޓް

ޖަލުއަނިޔާ: ނިންމަންޖެހޭ ސަގާފަތެއް!

"ޖަލު އަނިޔާ" ގެ ވާކައިގެ އަޑަކީ މިހާރު މިއަދު އަދި އިއްޔެ އިވެން ފެށި އަޑެއް ނޫނެވެ. ދިވެހި ރާއްޖޭގައި މީހުން ރަށްވެހިވެ ތާރީހު ލިޔަން ފެށީއްސުރެ ހުރަގޭގެ އަނިޔާގެ ވާހަކަ އޮވެއެވެ. އަބަދުވެސް އެ ވާހަކަތައް ދެކެވެ އެވެ. ތަފާތުވެގެން އުޅެނީ 2003 ވަނަ އަހަރުން ފެށިގެން މި ވާހަކަތައް ދެކެވޭ ގޮތާއި ކަން ހިންގަމުން އައި ގޮތެވެ. ޖަލު އަނިޔާއަކަށް އެއްވެސް އިރެއްގައި ބަދަލެއް ނާދެ އެވެ. ޖަލުތަކުގައި ގައިދީންނަށް ލާއިންސާނީ އަނިޔާ ކުރެއެވެ. ބޭސްފަރުވާ ދިނުމުގައި އިހުމާލުވެއެވެ. ތަފާތުކުރުން އޮވެއެވެ. މުޖުތަމައަށް އަނބުރާ ގެނައުމަށް ފުރިހަމަ ރިިހެބިލިޓޭޝަނެއް ނޯވެއެވެ. ކުށްވެރިން ކެޓަގަރައިޒެއް ނުކުރެ އެވެ. ހަމަ އަނިޔާ ކުރެއެވެ. ގައިދީންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރެއެވެ.

މި ސަރުކާރު އައީ އެ ހުރިހާ ކަމެއް ފުށުން ޖަހާލުމުގެ ވައުދަކާއެކު އެވެ. ޖަލު ބަލަހައްޓާ ވުޒާރާގެ ވެރިއަކަށް އައްޔަން ކުރީ ވެސް އެތަނުގެ ހާލަތު ފެނި ތަޖުރިބާ ކުރެއްވި ބޭފުޅެކެވެ. ފުރަތަމަ ދުވަހު ވެސް ޖަލަށް ވަޑައިގަތުމާއި އޮޑިޓުތައް ހެދުމުގެ މަސައްކަތް ފެއްޓެވި އެވެ.

ސަރުކާރަށް މިއީ އެންމެ ހަތް މަހެވެ. މިއަދު އެންމެ ބާރަށް ދެކެވެނީ ޖަލުގެ ހާލަތު ދަށްކަމާއި އަނިޔާގެ ވާހަކަ އެވެ. މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމެއް "ކޮންޓްރޯލް" ކުރަން ގައިދީން ގަޔަށް ޕެޕާ ސްޕްރޭ ޖަހައި އެ މީހުންގެ ބޯ ކޮށުވި މައްސަލަ އެވެ. ޖަލުތަކަށް ދަނގަޑުބުރި ތަކާއި ހަތިޔާރު ވައްދައިގެން އުޅޭ ވާހަކަތަކެވެ.

އެނގިފައިވާ ގޮތުގައި މާފުށީ ޖަލުގެ ހަތަރު ވަނަ ޔުނިޓުގައި ހަމަނުޖެހުން ހިނގީ ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން ގައިދީއަކު އެދުމުންނެވެ. އެކަން ކުރުމަށް އޮފިސަރު އިންކާރު ކުރުމުން އެ ދެ މީހުންގެ ދެމެދުގައި ހިނގި ޒުވާބުގެ ހޫނުވީ އެވެ. އެއީ "އާންމު ކަމެކޭ" ބުނުމުން ވެސް އެކަމާ އިންކާރު ކުރުމުން ގައިދީ ރުޅިގަދަވެ، އޮފިސަރަށް ހަމަލާ ދިނީ އެވެ.

އެކަމާ ގުޅިގެން ސަރުކާރަށް މިހާތަނަށް އެޅުނު އެންމެ ވިސްނުންތެރި އަދި ރަނގަޅު ފިޔަވަޅަކީ މައްސަލަ ހުޅު ބޮޑުވުމުގެ ކުރިން ހަގީގަތްތައް ބޭރުކޮށްލުމެވެ. ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި ކަމާއި ތަހުގީގެއް ފަށައި ފިޔަަވަޅު އަޅަން ފެށުމެވެ. ޖަލަށް ވަޑައިގެން "އަނިޔާގެ ޝިކާރައަކަށް" ވި ގައިދީންނާ ބައްދަލު ކުރައްވާ ފޮޓޯތައް އާންމު ކޮށްލުމެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި މިއީ މި ސަރުކާރުގެ ތަފާތު ދައްކާނެކަމުގެ ހެއްކެކެވެ. އަނެއް ބަޔަކަށް މިކަން ވަނީ ބޮޑު އިހުމާލަކަށެވެ.

"އޮޑިޓް ރިޕޯޓުތައް ހެދި، ޖަލަށް އެތަށް ފަހަރަކު ވަޑައިގެންފި. އެހެންވެއްޖެއާ މިއަދާ ހަމަޔަށް އައިއިރު ވެސް މިކަން އެއްވެސް މިންވަރަކަށް ރަނގަޅު ކުރެވިފައި ނުވާންވީ ކީއްވެތޯ؟ މިވީހާ ދުވަހު މިހާ ބޮޑު ހަމަނުޖެހުމެއް ހިނގާފައި ނުވޭ. މިއަދު މިކަން ކޮންޓްރޯލު ނުވެގެން މިއުޅެނީ ކީއްވެ؟ މިއީ ފެއިލިއާ އެއް،" ޓްވިޓާގައި މީހަކު ހިޔާލު ފާޅު ކުރި އެވެ.

މި ހަމަނުޖެހުމުގައި ގައިދީންނަށް ލިބުނު އަނިޔާތައް ސިއްރު ކުރުމުގެ ބަދަލުގައި އެކަން ހާމަކޮށް މައްސަލައާ ގުޅިގެން ހޯމް މިނިސްޓްރީން އަވަސް ފިޔަވަޅުތަކެއް އެޅުމުން ބައެއް ފަރާތްތަކުން ސަރުކާރަށް ތައުރީފު ކުރި އެވެ. ހަމަ އެ ނޭވާގައި އަނެއްކާ ވެސް ޖަލެއްގައި ގައިދީންތަކަކަށް އަނިޔާކުރުމުން، މާޒީވެ ދިޔަ ތަނުގައި ހިނގައިދިޔަ މިފަދަ ހާދިސާތަކުގެ ވާހަކަތައް ތަކުރާރުކޮށް އެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

އެ މައްސަލާގައި މަޖިލީހަށް ޖަވާބު ދާރީވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވި ގޮތުގައި އެ ހަމަނުޖެހުގައި އަނިޔާވީ ގައިދީ ފުރަތަމަ ހަމަލާ ދިން އޮފިސަރަށް އެކަންޏެވެ. އެހެން އެއްވެސް އޮފިސަރަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. މައްސަލަ ގޯސްވެ ހަމަނުޖެހުން މައިތިރިކުރަން އުޅުމުގެ ތެރޭގައި ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާތައް ލިބުނީ އެވެ. ގައިދީންގެ އަތަށާއި ބުރަކަށިމައްޗަށް އަނިޔާވެ މޭމަތި ނޫފައިގަތީ އެވެ.

"އެ އަނިޔާތަކަކީ ހަމަނުޖެހުން މައިތިރިކުރަން އޮފިސަރު ގޮސް ގައިދީ ބިޑި އަޅުވައިގެން ހިފަހައްޓަން ކުރާ މަސައްކަތުގައި ލިބެން ޖެހޭ އަނިޔާއަށްވުރެ ބޮޑެތި އަނިޔާތަކެއް. ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ހުރި ކަމުގެ ނިޝާންތަކެއް،" މުނާޒު ވިދާޅުވި އެވެ.

ނިމުމެއް ގެންނަން ޖެހޭ ސަގާފަތެއް

މާފުށީ ޖަލުގައި ހިނގި ހަމަނުޖުހެމާ ގުޅިގެން މީގެ ކުރިން ޖަލުތަކުގައި ހިނގާ ދިޔަ ބައެއް ހާދިސާތައް އެއް ބަޔަކު ހަނދާނަށް ގެނަ އެވެ. އަނެއް ބަޔަކު ވަނީ އެ މީހުން ޖަލުތަކުގައި އުޅުނުއިރު ކުރެވުނު ތަޖުރިބާތައް ހިއްސާކޮށްފަ އެވެ. މި ހުރިހާ ވާހަކައަކުން ވެސް ސާފުވީ ޖަލު އަނިޔާއަކީ މިހާރު "ސަގާފަތަކަށް" ވެފައިވާ ކަމެއް ކަމެވެ. މާފުށީ ޖަލުގެ ހަމަނުޖެހުމާ ގުޅިގެން މައްސަލަ ބަލަމުންދާ މުއައްސަސާތަކުގެ ވެރިންގެ ވާހަކަތަކުން ވެސް ސާފު ވަނީ އެއީ ސަގާފަތެއް ކަމެވެ. ބުރާސްފަތި ދުވަހުގެ ހަމަނުޖެހުމަކީ އެ "ސަގާފަތް" އަށް އިތުރުވި "ބޮޅެއް" ކަމަށް ބެލެވެ އެވެ.

ރާއްޖޭގެ ތާރީހަށް ބަލާއިރު ވެސް މިއަށްވުރެ އަނިޔާވެރިކަން ބޮޑު ހާދިސާތައް ވެސް ޖަލުތަކުގައި ވަނީ ހިނގާފަ އެވެ. މާފުށީ ހަމަނުޖެހުމާ ގުޅިގެން ގިނަ ބަޔަކު ފާހަގަކުރި އެއް ހާދިސާއަކީ މީގެ ކުރިން މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމެއްގައި މަރާލީ އީވާން ނަސީމްގެ ހާދިސާގެ ވާހަކަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި އީވާން ނަސީމް މަރުވީ ޖަލުގައި އަނިޔާކޮށްގެންނެވެ. އޭގެ ފަހުން ބަޑި ޖަަހައިގެން ޖަލުގައި ގައިދީންތަކެއް މަރާލި ހާދިސާއަކީ ދިވެހި ތާރީހުގައި ދުށް އެންމެ ލާއިންސާނީ ހާދިސާ ކަމަށް އަދިވެސް ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ވިދާޅުވީ ޖަލުތަކުގައި ތިބޭ ގައިދީންނަށް އަނިޔާ ކުރުމަކީ ވަރަށް ކުރީއްސުރެން ވެސް އޮތް ސަގާފަތެއް ކަމަށެވެ. މީގެ ކުރިން އެފަދަ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނެތުމުގެ ސަބަބުން މައްސަލަތައް ތަކުރާރު ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ އަމަލުތަކަށް ޖަލުތަކުގައި ތަކުރާރުވާނަމަ އެެ ކަން ގައުމީ ސަމާލަތަށް ހުރި ބޮޑު ނުރައްކަލަކަށް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކުން ޖަލަށް ލީއިރު، އެފަދަ ބައެއް ފަރާތްތަކުން ވެސް ވަނީ އެ ދުވަސްވަރު އެ މީހުން ކުރި ތަޖުރިބާތައް ހިއްސާކޮށްފަ އެވެ. އަދި ޖަލު އަނިޔާއަކީ ވަރަށް ކުރިންސުރެން ވެސް ޖަލުތަކުގައި އޮތް ކަމެއް ކަމަށް ދޭހަވާ ފަދަ މޭރުމަކުން އެ މީހުން ވާހަކަ ދައްކާފައިވެ އެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި ވެސް ބައެއް ގައިދީންނަށް އެކަށީގެންވާ މިންވަރަށް ބޭސްފަރުވާ ދީފައިނުވާާ ކަމުގެ މައްސަލަތައް ފެންމަތިވެފައިވާއިރު، ބޭސްފަރުވާ ނުލިބިގެން ބައެއް ގައިދީން މަރުވެފައި ވެސް ވެ އެވެ.

"ޖަލަކީ ވޭތުވެދިޔަ ސަރުކާރުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ތަނެއް. އެއީ އިންސާނުން ގެންގުޅޭ ވަރަށް ވުރެ އެ ތަނުގެ ހާލަތު ގޯސްވެ.މީގެ ކުރިން ވެސް އެފަދަ މައްސަލަތައް ދިމާވޭ، މިހާރު ދިމާވެގެން މި އުޅޭ މައްސަލައަކީ ވެސް ކުރިނ ފިޔަވަޅެއް އެޅިފައި ނެތުމުގެ ސަބަބުން ނުކުތް ނަތީޖާއެއް،" މުނާޒް ވިދާޅުވި އެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން މި ސަރުކާރަށް ފުރުސަތެއް

ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށްލި އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުމްތާޒު މުހުސިން ވިދާޅުވި ގޮތުގައި ޖަލުގެ ހާލަތު އެންމެ ބޮޑަށް އެނގޭނީ އެންމެ ފަހުން މިނިވަންވި ސިޔާސީ ބޭފުޅުންނެވެ. އެއީ އެ "އަނިޔާއަށް އާދަވެފައިވާތީ" އެވެ. ޖަލުގައި ގައިދީން ގެންގުޅެނީ އިންސާނުން ގެންގުޅެންވާ ގޮތަކަށް ނޫން ކަމަށް މުމްތާޒު ވިދާޅުވި އެވެ.

މިހާރު ދައުލަތުގެ ކޮންމެ ދިމާލަކަށް ވެލިޔަސް ފެންނަނީ އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅުންނެވެ. ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު ވެސް ކުރީ ސަރުކާރުގެ ތެރޭ ދުވަސްތަކެއް ވަންދެއް ކުޑަ ގޮޅީގައި ބަނދު ކުރި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ވެސް ޖަލަށް "ފަރިތަ" ބޭފުޅެކެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ތިން އަހަރު ޖަލުގައި ހޭދަ ކުރެއްވި އެވެ. އެންމެން ވެސް ދެއްކީ އެ ހާލަތު ބަދަލު ކުރާ ވާހަކަ އެވެ.

އެހެންވެ މި ސަރުކާރަށް ނޫނީ ޖަލުގެ ހާލަތު ބަދަލު ކުރުމުގެ މުހިންމުކަން އެނގޭނެ ވަކި އެހެން ބަޔަކު ވާނެ ހެއްޔެވެ؟ މިނިސްޓަރު އިމްރާން ވިދާޅުވާ ގޮތުގައި އެއީ އުނދަގޫ އެކަމަކު ނުވާނެ މަސައްކަތެއް ނޫނެވެ.

"ޖަލުތަކުގެ ހާލަތަށް އެކަށީގެންވާ ބަދަލެއް ނާދޭ އެއީ ކުރު މުއްދަތެއްގައި ކުރެވޭނެ ކަމެއް ނޫން. ގައިދީންނަށް ލާއިންސާނީ ދަށު ދަރައިގެ އަމަލުތައް ހިންގުން މި ސަރުކާރުން ހުއްޓުވާނަން އަނިޔާވެރި އަމަލުތަކާއި ސިޔާސީ ބޭނުމަށް ޖަލު ހަލަބޮލިކުރުމަށް ކުރާ ކަންކަމުން ކަރެކްޝަން އޮފިސަރުން އެއްކިބާވެ ތިބުމަށް މިނިސްޓަރު އިލްތިމާސް ކުރަން،"

ޖަލު އިސްލާހު ކުރަން މިހާރު ކުރަމުން އަންނަ އެންމެ ބޮޑު މަސައްކަތަކީ "ޖަލު އޮޑިޓް" އެވެ. އެ ރިޕޯޓް އޮތީ ދިރާސާ ކުރުމުގެ
މަރުހަލާގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގަ އެވެ. އަދި މިހާރު މި ޖެހިގެން އުޅޭ މައްސަލަ ވެސް މަޖިލީހުގެ ދެ ކޮމިޓީއަކުން ބަލަމުން އަންނަ އިރު ކުރިން "ޕެރެލައިޒް" ވެފައި އޮންނަ އެޗްއާރްސީއެމް އިން ވެސް އެކަން ތަހުގީގު ކުރެ އެވެ.

ކޮންމެ ފަހަރަކު ވެސް މި ގޮތަށް މައްސަލައެއް ފެންމަތިވުމުން ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ދެވަނަ ފަހަރަށް މިފަދަ ކަމެއް ތަކުރާރު ނުވުން މުހިންމެވެ. ޖަލުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހެ އެވެ. މީގެ 16 އަހަރު ފަހަތަށް ޖަލުގެ ހާލަތު އަނެއްކާ ވެސް ގޮސްގެން ނުވާނެ އެވެ.