ހަބަރު

ޖަލު ހަމަނުޖެހުމާ ގުޅިގެން އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކާއި އިދާރާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

އެ ހަމަނުޖެހުމުގެ ތަހުގީގު ގޮސްފައިވާ ހިސާބާއި ޖަލުތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް، އެ ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ހާޒިރު ކުރުމަށް ނިންމީ މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުގައި ބަައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މި މުއައްސަސާތަކުގެ ވެރިން ހާޒިރު ކުރުމަށް ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހު އޮންނަ ކޮމިޓީގެ ބައްދަލުވުމަށެވެ.

ހޯމް މިނިސްޓްރީއާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ވެރިން މަޖިލީހަށް ހާޒިރު ކުރަން ކޮމިޓީއަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިނެވެ.

މީގެ އިތުރުން މި މުއައްސަސާތަކުން މާފުށި ޖަލުގެ ހާލަތާ ގުޅޭ ގޮތުން ރިޕޯޓެއް ކޮމިޓީއަށް ފޮނުވަން އަންގަން ވައިކަރަދޫ ދާއިރާގެ މެންބަރު ހަސަން ޒިޔާދު (ފިއްޓެ) ހުށަހެޅުއްވި އެވެ. އެ ހުށަހެޅުއްވުން ވެސް ވަނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަވީރު މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގާ ބައެއް ގައިދީންނަށާއި ކަރެކްޝަންސްގެ އޮފިސަރުންނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. ހޯމް މިނިސްޓްރީން ބުނި ގޮތުގައި ހަމަނުޖެހުން މައިތިރި ކުރުމަށް އޮފިސަރުން ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި އެވެ. މި މައްސަލަ ތަހުގީގުކޮށް، އިހުމާލުވި ފަރާތްތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.