ހަބަރު

ޖަލު ހަމަނުޖެހުމުގެ ރިޕޯޓު އެޗްއާރްސީއެމުން މަޖިލީހަށް ހުށަހަޅައިފި

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހުގީގުކޮށް ތައްޔާރުކުރި ރިޕޯޓު މަޖިލީހަށް ހުށަހަޅައިފި އެވެ.

އެޗްއާރުސީއެމުން މިއަދު ބުނީ ޖަލުގެ ހަތަރު ވަނަ ޔުނިޓުގެ އެއްވަނަ ވިންގުގައިި ހިނގި ހަމަނުޖެހުމާ ގުޅިގެން، ޖަލުގައި ބަންދު މީހުންނަށް އަނިޔާ ކުރާކަމަށް ބުނެ މިހާތަނަށް ފަސް ފަރާތަކުން އެ ކޮމިޝަނަށް ގުޅައި މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެޗްއާރުސީއެމުން އެ މައްސަލަ ތަހުގީގު ކުރަނީ ހައްސާސް މައްސަލައެއްގެ ގޮތުގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިތުރަށް ބުނެފައިވަނީ، ހަމަނުޖެހުމުގެ މައުލޫމާތު ލިބުނު ވަގުތުން ފެށިގެން އެކޮމިޝަނުގެ "ރެޕިޑް ރެސްޕޮންސް ޓީމާ"އި ތަހުގީގު ޓީމުން މަސައްކަތް ފެށި ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަވީރު މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގާ ބައެއް ގައިދީންނަށާއި ކަރެކްޝަންސްގެ އޮފިސަރުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި، ހަމަނުޖެހުން މައިތިރި ކުރުމަށް އޮފިސަރުން ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި މައްސަލަ ތަހުގީގުކޮށް، އިހުމާލުވި ފަރާތްތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެ އެވެ.