ރައްޔިތުންގެ މަޖިލިސް

ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަ ވިންގް ޖުލައިގައި ނިންމަނީ

ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަކޮށް މާފުށީ ޖަލުގައި ހަދާ ހައި ސެކިއުރިޓީ ވިންގްގެ މަސައްކަތް މިއަހަރުގެ ޖޫން-ޖުލައި ހިސާބުގައި ނިންމާލެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޖަލުގައި ތިބި ހަރުކަށި ފިކުރުގެ މީހުން މިހާރު ދެނެގަންނަމުންދާ ކަމަށެވެ.

"މި މަސައްކަތާއި ހަވާލުވިއިރުގައި އާންމުކޮށް ތަފާތު ކުށްތައް ކުރާ މީހުން ކެޓަގަރިޒް ކުރުމެއް ނޯވޭ. ނަމަވެސް މިހާރު އަޅުގަނޑުމެން ވަކިން ހާއްސަކޮށް ހަރުކަށި ފިކުުރުގެ ފަރާތްތައް އެސެސްކުރާނެ ޓޫލްސްތަކެއް ޑިވެލޮޕްކޮށް، އެ ފަރާތްތައް އެސެސްކޮށް، އެހެން ގައިދީންނާ ވަކިން ބޭތިއްބޭން އޮތް އެންމެ ބޮޑު މިންވަރަކަށް މިދަނީ އެކަން ކުރަމުން،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންގެ ސަބަބުން ޖަލުގެ މުޅި ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

"އެފަދަ ފަރާތްތަކުގެ ފަރާތުން ޖަލުގެ މުޅި ނިޒާމަށް ކުރިމަތިވާ ގޮންޖެހުންތައް މިއަދުވެސް ރޭގައިވެސް އަޅުގަނޑުމެން ހޭލާ ތިބެންޖެހޭ ފަދަ އެތައް ހާދިސާތަކެއް ދިމާވި. އެފަދަ ފަރާތްތަކުގެ ފަރާތުން މުޅި ޖަލުގެ ނިޒާމަށް ކުރިމަތިވާ ގޮންޖެހުންތަކަށްޓަކާ،" އިމްރާން ވިދާޅުވި އެވެ.

ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަކުރާ ހައި ސެކިއުރިޓީ ވިންގް ހަދަނީ ރާއްޖެއިން ބޭރު ގައުމުތަކުގައި އެފަދަ މީހުން ގެންގުޅޭ ތަންތަން ބަލައިގެން ރާއްޖޭގެ ތަނަވަސްކަނ ް ހުރި މިންވަރުން ކަމަށް އިމްރާން ވިދާޅުވި އެވެ.

ސިންގަޕޫރުގައި ހުރި އެފަދަ ތަނެއް ބެއްލެވި ކަމަށާއި އެ ފެސިލިޓީ އަކީ ސިންގަޕޯގެ 50 މިލިއަން ޑޮލަރަށް ހަދާފައިވާ ތަނެއްކަން ފާހަގަކުރެއްވި އެވެ. އިމްރާން ވިދާޅުވި ގޮތުގައި ރާއްޖޭގައި ހަދާ ހައި ސެކިއުރިޓީ ވިންގް ހެދުމަށް ލިބުނީ 35 މިލިއަން ރުފިޔާ އެވެ.

ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރަން ބަޔަކަށް ފުރުސަތު ލިބެނީ ޖަލުތަކުގެ ތޮއްޖެހުން ބޮޑުވެ ކަމާ ގުޅޭ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ނުލިބޭތީ ކަމަށް މިނިސްޓަރު އިމްރާން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އިމްރާން ވިދާޅުވީ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވޭނީ ޖަލުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކޮށްގެންނާއި އެފަދަ މީހުން ރިހިބިލިޓޭޓް ކޮށްގެން އަނބުރާ މުޖުތަމައަށް ނެރުމަށް ހިންގާ ޕްރޮގްރާމުތައް ވަރުގަދަކޮށްގެން ކަމަށެވެ.