ގައިދީންނަށް އަދަބު ލުއި ކޮށްދިނުމުގެ ކަންކަން ނިންމާ ޕެރޯލް ބޯޑުގެ މެންބަރުން ފުލްޓައިމް ކުރަން ހުށަހަޅައިފި އެވެ.
މިހާރު ޕެރޯލް ބޯޑްގައި ނުވަ މެމްބަރުން ތިއްބަވަ އެވެ. އެ ގޮތުން ކަރެކްޝަން ފިޔަވައި ދެން ތިބެނީ ޕީޖީ އޮފީހާއި ހެލްތު އަދި އެޑިއުކޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނެވެ.
ރާއްޖޭގެ ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން ޕެރޯލް އަދި ކްލައިމެންސީއަށް ޝަރުތު ހަމަވާ ގައިދީންގެ އަދަދު އިތުރު ވަމުން ދިޔަ ނަމަވެސް އެ ފަރާތްތަކަަށް ހައްގުވާ ޕެރޯލާއި ކްލައިމެންސީ ލިބެމުން ނުދާތީ ކަންބޮޑުވުން ފާޅުކޮށް ގައިދީން ވަނީ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ.
އެ މައްސަލަތައް ދިރާސާކޮށް ޕެޓިޝަން ކޮމެޓީން އެކުލަވައިލި ރިޕޯޓްގައި ބޯޑުގައި ހުރި ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަ ކޮށްފައި ވެއެވެ.
އެއް ކަމަކަށް ފާހަގަ ކޮށްފައި އޮތީ ޕެރޯލް ބޯޑުގެ ކޯރަމް ހަމަނުވެ ބައްދަލުވުންތައް ނުބޭއްވި ކެންސަލް ވެގެން ދާދިއުމާއި ތާވަލްކުރާ ކޭސްތައް ނުނިމި ދިގުލައިގެން ދާ ދިއުމެވެ.
ރިޕޯޓްގައި ބުނަނީ އެހެން ދިމާވަނީ ބޯޑުގެ ނުވަ މެމްބަރުންނަކީ ވެސް އެހެން ދާއިރާތަކުގައި މަސައްކަތް ކުރާ ބަޔަކަށް ވާތީ ކަމަށެވެ. އެހެންކަމުން ޕެރޯލް ބޯޑުގައި ހިމެނޭ މެމްބަރުންނަކީ އެެހެނިހެން އިދާރާތަކުގައި މަސައްކަތް ނުކުރާ ފުލްޓައިމް މެމްބަރުން ގޮތަށް ކަނޑއަޅައި އެކަމާ ގުޅޭ ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.
ދެން ޕެޓިޝަން ކޮމެޓީން ފާހަގަ ކުރި މައްސަލައަކީ ޕެރޯލް ނިޒާމަށް ކުރިއަށް ގެންދަން އެސްއޯޕީއެއް ނެތުމާއި ފެރޯލް ދިނުމުގައި އަމަލުކުރާނެ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަށް ފެެތޭ އިވެލުއޭޝަން މިންގަނޑެއް ނެތުމެވެ.