ހަބަރު

93 މިލިއަން ރުފިޔާއަށް ތިން ބަނދަރެއް ހަދަން ހަވާލުކޮށްފި

ތިން ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް 93.3 މިލިއަން ރުފިޔާއަށް ހެވީ ފޯސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީ އިން ބަނދަރު ހަދަން ނިންމާފައި ވަނީ ދ. ރިނބިދޫ އާއި ތ. އޮމަދޫ އަދި އައްޑޫ އަތޮޅު މަރަދޫ ފޭދޫގަ އެވެ. އެ މަޝްރޫއު ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ހެވީ ފޯސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ އިބްރާހިމް ޒަމީރު އެވެ.

މަޝްރޫއުތަކުގެ ތަފްސީލް ދެއްވަމުން ޝާނާ ވިދާޅުވީ ރިނބިދޫ ބަނދަރު ހަދަން ހަވާލުކޮށްފައި ވަނީ 29.4 މިލިއަން ރުފިޔާއަށް ކަމަށާއި 240 ދުވަސް ތެރޭ އެ މަޝްރޫއު ނިންމަން ޖެހޭ ކަމަށެވެ. އަދި އޮމަދޫ ބަނދަރު ނިންމަން ކަނޑައަޅާފައިވަނީ އަހަރެއް ކަމަށާއި އެ މަޝްރޫއަށް 32.2 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ޝާނާ ވިދާޅުވި އެވެ.

މަރަދޫ ފޭދޫގައި ނިންމާފައި ވަނީ މިހާރު އޮތް ބަނދަރު އިތުރަށް ތަރައްގީ ކުރަން ކަމަށް ޝާނާ ވިދާޅުވި އެވެ. އެގޮތުން އަހަރެއް ތެރޭގައި އެ މަސައްކަތް ކުރަން 31.6 މިލިއަން ރުފިޔާއަށް ހެވީ ފޯސްއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިނބިދޫ، އޮމަދޫ އަދި މަރަދޫ ފޭދޫ ބަނދަރު ހެދުމުގެ މަސައްކަތަކީ ދައުލަތުގެ ހަރަދުގައި ކުރާ ތިން މަޝްރޫއެެވެ.