އެމްޓީސީސީ

އަނގޮޅިތީމް ބަނދަރު: 80 ޕަސެންޓް ނިމިއްޖެ

ރ. އަނގޮޅިތީމް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން 80 ޕަސެންތް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އަނގޮޅިތީމް ބަނދަރު މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް މި މަހުގެ ހަތް ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ.

އަނގޮޅިތީމް ބަނދަރުގެ މަސައްކަތުގެ ދަށުން 42615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ.

އަދި 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 91 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1110 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ވެސް މި ޕްރޮޖެކްޓްގެ ދަށުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރި މި މަސައްކަތަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.