ރާއްޖެ ކުޅިވަރު

ދިވެހިން ރަންވަނައަކަށް

Jul 22, 2015

އަންނަ މަހު ރިޔޫނިއަންގައި ފަށާ އިންޑިއަން އައިލެންޑް ގޭމްސްއަށްދާ ދިވެހި ކޮންޓިންޖެންޓްގެ ޝިއާރަކީ "ދިވެހިން ރަންވަނައަކަށް" ދިއުން ކަމަށް އޮލިމްޕިކް ކޮމިޓީން ނިންމައިފި އެވެ.

މި ގޮތަށް ނިންމުމުން ގޭމްސްގެ ހުރިހާ ކަމެއްގައި ދިވެހި ކޮންޓިންޖެންޓުން މީގެ ފަހުން މި ޝިއާރު ބޭނުންކުރުމަށްވަނީ ނިންމާފަ އެވެ.

ރީޔޫނިއަންގައި އޯގަސްޓް މަހުގެ 1 އިން 8 އަށް ބާއްވާ ގޭމްސްގައި ރާއްޖޭން 10 ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އަދި ގޭމްސްގައި ވާދަކުރާ ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަރުކާރުގެ ޑެލިގޭޓުން އަދި މީޑިއާއާއެކު، ރާއްޖޭން ކޮންޓިންޖެންޓްގެ އަދަދު 250 ވުރެ މަތިވާނެ އެވެ.

އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރްޒޫގް (މަރޭ) ވިދާޅުވީ ރާއްޖޭގެ އަމާޒަކީ "ނުވަ މެޑައްޔާއި 15 މެޑައްޔާ ދޭތެރޭގެ އަދަދަކަށް" މުބާރާތުގައި މެޑަލް ހޯދުން ކަމަށެވެ.

މި ގޭމްސް އަށް އެކުލަވާލި ސްޓިއަރިން ކޮމެޓީން، ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެންދަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ. ގޭމްސް އަށް ކަނޑައަޅާފައިވަނީ 11.7 މިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 10 މިލިއަން ރުފިޔާ ކުޅިވަރާ ބެހޭ މިނިސްޓްރީން ދޭނެ ކަމަށެވެ. އަދި ބާކީ އޮތް 1.7 މިލިއަން ރުފިޔާ ހޯދުމަށް އޮލިމްޕިކް ކޮމިޓީންދަނީ މަސައްކަތް ކުރަމުންނެވެ.