ހަބަރު

ސުޕްރީމް ކޯޓުގެ ބަހެއް ނުހޯދައި ފަނޑިޔާރުން ވަކިކުރަން ނިންމަނީ

ސުޕްރީމް ކޯޓުގެ ފަހު ބަސް ހޯދުމަކާ ނުލައި ފަނޑިޔާރުން ވަކި ކުރަން ނިންމަން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ދަނީ ގދ. ތިނަދޫ މެޖިސްޓްރޭޓު، އިބްރާހިމް ރަޝީދު އެ މަގާމުން ވަކި ކުރުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާފަައިވާ މައްސަލަ އެވެ. އެ މައްސަލައިގެ އިޖުރާތްތައް ފުރިހަމަ ކުރި ގޮތް ވިދާޅުވުމަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުން މެޖިސްޓްރޭޓަކު މަގާމުން ވަކި ކުރިޔަސް 2017 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމެއްގައިވާ ގޮތުން އެ ނިންމުމުގެ ސައްހަ ކަން ކަނޑައަޅަން ޖެހޭނީ ސުޕްރީމް ކޯޓުންނެވެ.

އޭރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައާ ގުޅިގެން އެ ކޯޓުން ކުރި އެ ހުކުމުގައިވާ ގޮތުން މިނިސްޓަރުންނާއި ފަނޑިޔާރުންނާއި މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރިޔަސް އެކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ. ނަމަވެސް ގާނޫނު އަސާސީގައިވާ ގޮތުން ވެސް އިތުބާރު ނެތް މައްސަލަތައް މަޖިލީހުން ފާސް ކުރާ ހިސާބުން އެމީހަކު މަގާމުން ވަކިވީ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަކި ކުރުމުގެ އިޖުރާއަތްތައް ޖޭއެސްސީން ފުރިހަމަ ކުރަން ހަތް އަހަރު ހޭދަކޮށްފައިވާ ކަމަށާއި އެއީ ވަރަށް ރަނގަޅަށް ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ފަހު ބަސް ބުނާނެ ކަމަށް ހުކުމް ކުރި ކަމުގައިވީ ނަމަވެސް އެ ކޯޓުގެ އިހުތިސޯސްތަކުން ބޭރު ނުވުމަށް އިލްތިމާސް ކުރަން މަޖިލީހުން ވެސް ނިންމާފައިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ވާނީ ނިންމާފައި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް އިހުތިރާމް ކުރަމުން އަދި އެ ކޯޓަށް އިލްތިމާސް ކޮށްފައި އެ ކޯޓުން އިހުތިސޯސްތަކުން ބޭރު ނުވުމަށާއި އެހެން އިދާރާތަކުގެ ބާރުތަކަށް އަރައި ނުގަތުމަށް،" ނަޝީދު ވިދާޅުވި އެވެ.

ފަނޑިޔާރު ވަކި ކުރާ މައްސަލާގައި މަޖިލީހުން އަމަލު ކުރަންވީ ގޮތް ކަނޑައަޅަން މަޖިލީހުގެ ފްލޯ ބަހުސަށް ހުޅުވާލެއްވި އެވެ. އެއަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވާ އެމްޑީޕީގެ ހުރިހާ މެންބަރުންގެ ވިސްނުން ހުރީ ސުޕްރީމް ކޯޓުގެ ހުކުމަށް ބެލުމެއް ނެތި ފަނޑިޔާރު ވަކި ކުރާށެވެ. ނަމަވެސް ދެ ހުށަހެޅުމެއް އުޅެ އެވެ. އެއީ ފަނޑިޔާރު ވަކި ކުރާނީ މިއަދުތޯ ނުވަތަ އެ މައްސަލަ ކޮމިޓީއަކުން އިތުރަށް ދިރާސާ ކުރުމަށް ފަހުގައިތޯ އޮތް ހިޔާލު ތަފާތުވުމެއްގެ ދެ ހުށަހެޅުމެކެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައި ވަނީ 25 އޭޕްރިލް 2013 ގަ އެވެ. އެއީ އަންހެނަކާ ދިމާލަށް މަގުމަތީގައި ހުރެ އާންމު އަހުލާގީ މިންގަނޑާ ހިލާފު ހަޑި ހުތުރު އެއްޗެހިތަކެއް ގޮވި މައްސަލަ އެވެ. ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވާ ގޮތުން އެއް ވެސް ފަނޑިޔާރަކު އެއްވެސް ތަނެއްގައި އެ ފަނޑިޔާރެއްގެ އަބުރާއި ކަރާމަތާއި އިހުތިރާމް ކެނޑޭ ފަދަ އެއްވެސް ގޮތަކަށް އަމަލުކޮށްގެނެއް ނުވާނެ އެވެ.