ހަބަރު

ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލު ކުރަން ހުށަހަޅައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކުރާ ގޮތަށް ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި އިސްލާހުގައި ވަނީ ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ ފަހަތަށް "ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުން" ގެ ނަމުގައި މާއްދާއެއް އިތުރުކޮށް ޖޭއެސްސީގެ ދަށުން ހިނގާ ގޮތަށް ޑީޖޭއޭގެ ނަމުގައި އިދާރާއެއް އުފެއްދުމަށެވެ.

ސިރާޖުގެ އިސްލާހުގައިވާ ގޮތުން މަޖިލީހުން ބިލު ފާސްކޮށް ރައީސްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ހިސާބުން މިހާރު އޮތް ޑީޖޭއޭ އުވިގެންދާނެ އެވެ. މިހާރު އޮންނަ ޑީޖޭއޭ ހިނގަމުން ދަނީ ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ދަށުންނެވެ.

މީގެ އިތުރުން ޖޭއެސްސީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަވާނީ ޗީފް އޮފް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ކަމަށް އިސްލާހުގައިވެ އެވެ. ޗީފް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަކަށް އެއްވެސް ބާވަތެއްގެ އަމިއްލަ ވިޔަފާރިއެއް ނުހިންގޭނެ ކަމަށާއި އެ މަގާމަށް އައްޔަން ކުރެވޭނީ އުމުރުން 35 އަހަރުވެފައިވާ ދިވެއްސެއް ކަމަށް އިސްލާހުގައިވެ އެވެ.