ކުޅިވަރު

ޗިލީ ބަލިކޮށް ގުރޫޕްގެ އެއްވަނައަށް އުރުގުއޭ

ގުރޫޕް ސްޓޭޖް ފަހު މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން ޗިލީގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގުރޫޕް ސީ ގެ އެއް ވަނައިގައި ކްއާޓާ ފައިނަލަށް އުރުގުއޭ ދަތުރު ކޮށްފި އެވެ.

މެޗަށް ނުކުތް އިރުވެސް ޗިލީ އޮތީ ކްއާޓާ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފަ އެވެ. ނަމަވެސް އެ ޓީމުން ވާދަ ކުރަން ޖެހޭނެ ޓީމެއް އޮތީ ނޭނގި އެވެ. ރޭގެ މެޗުގައި އުރުގުއޭގެ ލަނޑު 82 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އެޑިންސަން ކަވާނީ އެވެ. އޭނާ ލަނޑު ޖެހީ ޖޮނަތަން ހާވިއާ ރޮޑްރިގޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ދެކުނު އެމެރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އުރުގުއޭ އިން ގުރޫޕްގެ އެއް ވަނަ ހޯދުމުން ކްއާޓާ ފައިނަލުގައި އެ ޓީމު ވާދަ ކުރަން ޖެހޭނީ، ގުރޫޕް އޭގެ ތިން ވަނަ ހޯދި ޕެރޫއާ ދެކޮޅަށެވެ.

ޕެރޫ ކްއާޓާ ފައިނަލުން ޖާގަ ހޯދީ ތިން ގުރޫޕްގެ ތިން ވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުގެ ގޮތުގަ އެވެ. ޕެރޫ އިން ވަނީ ހަތަރު ޕޮއިންޓާއެކު ގުރޫޕްގެ ތިން ވަނަ ހޯދާފަ އެވެ. އަނެއް ދެ ޓީމު ކަމަށްވާ ޕެރަގުއޭ އާއި ޖަޕާނަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.

ކްއާޓާ ފައިނަލުގައި ޗިލީ ވާދަ ކުރާނީ ގުރޫޕް ބީ ގެ އެއް ވަނަ ކޮލަމްބިއާ ދެކޮޅަށެވެ. ރޭ ޖަޕާނާއި އެކްއެޑޯ ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.