ހަބަރު

ބާރުގެ ބޭނުންކޮށް ޖަލު ހަމަނުޖެހުން ކޮންޓްރޯލް ކޮށްފި

Jun 25, 2019
4

ކ. މާފުށި ޖަލުގައި ރޭ ހިނގަމުންދިޔަ ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ދީފައިވާ ބާރުގެ ބޭނުން ކޮށްގެން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި އަޑުފެތުރިފައިވާ ގޮތުން މާފުށީ ޖަލުގެ ޔުނިޓު ހައެއްގައި ރޭ ވަނީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރިޔަށް ގެންގޮސްފަ އެވެ. އެ ހަޅުތާލު ހުއްޓުވަން އީއެސްޖީ އާއި އެސްއޯ ފުލުހުން ރަޔަޓު ގިޔަރުގައި ހަރަކާތްތެރިވަމުންދިޔަ ކަމަށެވެ. ރޭ ޖަލުގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނަށް އެހީތެރިވުމަށް ކަރެކްޝަންގެ އެދުމުގެ މަތީން ފުލުހުންގެ ބެކަޕް ޓީމެއް މާފުއްޓަށް ގޮސްފައިވެ އެވެ.

ކަރެކްޝަންސް އިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެ ޖަލުގައި ތިބި ބައެއް ގައިދީންނާއި ބަންދުގައި ތިބި މީހުން ޖަލު އޮފިސަރުންނަށް ތަކުރާރުކޮށް ގޯނާ އާއި ކޮށް އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވެ ޖަލުގެ ގަވާއިދުތަކަށް ބޯ ނުލަނބާ ދިޔަ ކަމަށެވެ. އަދި ރޭގަނޑު ގޮޅިތަކަށް ވަންނަށް ޖެހޭ ގަޑިއަށް ވަންނަށް އިންކާރު ކުރުމުން ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދިނުމުން ވެސް ކިޔަމަންތެރިވެފައި ނުވާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ، އޭގެ ސަބަބުން މުޅި ޖަލުގެ އާންމު މަސްލަހަތު ގެއްލެމުން ދާތީވެ، ރޭ ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކޮށް ނުކިޔަމަންތެރިވި ހުރިހާ ގައިދީން އާންމު ހާލަތުގައި އެ މީހުން ތިބެންޖެހޭ ގޮޅިތަކަށް ވައްދާފައިވާ ކަމަށެވެ.

އޮޕަރޭޝަން ހިންގަން ފެށުމުން ގިނަ ގައިދީން އަމުރަށް ކިޔަމަންތެރިވެ، ގޮޅިތަކަށް ވަދެފައިވާ ކަމަށާއި އޮފިސަރުންގެ އަމުރަށް ކިޔަމަންނުވެ ގޮޅިތަކަށް ވަންނަށް އިންކާރު ކުރި ގައިދީން ގޮޅިތަކަށް ވައްދަން ކުރި މަސައްކަތުގައި ޕެޕާ ސްޕްރޭ ބޭނުން ކުރި ކަމަށެވެ.

އަދި އެ އޮޕަރޭޝަން ހިނގަމުން ދިޔަ ގޮތް ފެށުނީންސުރެ ނިމެންދެން ވީޑިއޯކޮށްފައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ހަ މީހަކަށް އަނިޔާވެފައިވެ އެވެ. އެ ހަމަނުޖެހުންތައް ހިނގާފައިވަނީ ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާ ދިނުމުންނެވެ. އެ ހަމަނުޖެހުމުގައި ޖަލު އޮފިސަރުން ގާނޫނީ އިމުގެ ބޭރުން ބާރުގެ ބޭނުންކޮށް ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށާފައި ވެއެވެ.