ހަބަރު

ދައުލަތުގެ ވަކީލުންނަށް ފިޔަވަޅު އެޅޭ ގޮތަށް ބާ ކައުންސިލްގެ ބިލު ބަދަލުކޮށްފި

ދައުލަތުގެ ވަކީލުންނަށް ފިޔަވަޅު އެޅޭ ގޮތަށް، ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރާ ބާ ކައުންސިލްގެ ބިލަށް ކޮމިޓީ މަރުހަލާގައި ބަދަލު ގެނެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.

ބާ ކައުންސިލް އުފައްދާ ގާނޫނީ ފަންނުގެ ބިލު ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅިއިރު އެ މުއައްސަސާގެ އިހުތިސޯސްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި އެޓާނީ ޖެނެރަލް (އޭޖީ) ގެ ވަކީލުންގެ މައްޗަށް ނުހިނގަ އެވެ. ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން އެ ކަން ބަދަލު ކުރަން ތާއީދު ކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ.

އެ ބިލު ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވީ ދައުލަތުގެ ވަކީލުންގެ މައްޗަށް ބާ ކައުންސިލްގެ އިހުތިސޯސް ނުހިނގާ ގޮތަށް އޮތް މާއްދާ އުނި ކުރުމަށެވެ. އެ ބަދަލާއެކު އެހެން ވަކީލުންނެކޭ އެއްގޮތަށް ދައުލަތުގެ ވަކީލުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ވެސް ބާ ކައުންސިލަށް ލިބޭނެ އެވެ.

ބެލެވޭ ގޮތުގައި މަޖިލީހުގައި މިއަދު ކުރިއަށްދާ ޖަލްސާގެ ވޯޓު ގަޑީގައި އެ ބިލަށް ވޯޓަށް އަހާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ސާފު އަޣުލަބިއްޔަތު އޮތުމުން ބިލު ފާސް ކުރާނެ ކަމަށް ވެސް ބެލެވެ އެވެ.

ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ހުށަހެޅުއްވި ބިލުގައިވާ ގޮތުން ވަކީލުންނަށް ހުއްދަ ދޫކުރުމާއި ވަކީލުން ކުރާ މަސައްކަތްތައް ބަލައި ފިޔަވަޅު އެޅުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ބާ ކައުންސިލުންނެވެ. އަދި ވަކީލުންނާ ގުޅުން ހުރި ހުރިހާ ގަވާއިދެއް އެކުލާވައިލުމުގެ މަސައްކަތް ކުރާނީ ވެސް އެ މުއައްސަސާއިންނެވެ.

ގާނޫނުތައް މިހާރު އޮންނަ ގޮތުންނަމަ ވަކީލުން ރެގިއުލޭޓް ކުރުމުގެ ބާރު އޮންނަނީ ޝަރުއީ ކޯޓުތަކުގަ އެވެ. ގާނޫނީ ގޮތުން ކޯޓުތަކަށް ލިބިދީފައިވާ ބާރުގެ ދަށުން ބައެއް ކޯޓުތަކުން ވަނީ ބައެއް ވަކީލުންނަށް ފިޔަވަޅު އަޅައި ސަސްޕެންޑް ވެސް ކޮށްފަ އެވެ.