ރައްޔިތުންގެ މަޖިލިސް

ކޮމެޓީގައި އޮތީ ކުދިންނާ ގުޅޭ އިދާރާތަކުގެ ޝަކުވާ

Jul 6, 2021

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަދާ ކުރަން ޖެހޭ ޒިންމާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އެކަމާ ގުޅޭ އިދާރާތައް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރުމުން އެއް އިދާރާއިން އަނެއް އިދާރާއަށް ތުހުމަތުކޮށް ކޮމިޓީގައި ޝަކުވާ ކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޑީޖޭޖޭޔޫ) އިން ހުށަހެޅި މައްސަލައަކާ ގުޅިގެން މިއަދު ހިއުމަން ރައިޓްސް ކޮމިޓީ ބާއްވާފައި ވަނީ ސަރުކާރުގެ 10 އިދާރާއެއް ހާޒިރުކޮށްގެނެވެ.

ޑީޖޭޖޭޔޫ އިން ކޮމިޓީއަށް މައްސަލައެއް ހުށަހެޅީ ކުށުގެ ވެށީގައި އުޅޭ އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ މައްސަލަތަކުގައި މުއައްސަސާތަކުން އަދާ ކުރަން ޖެހޭ ދައުރު ސާފު ނުވާ ކަމަށް ބުނެ އެވެ.

ޑީޖޭޖޭޔޫގެ ފަރާތުން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެ ޔުނިޓުގެ އިސް އޮފިޝަލު، ހުނާނާ ލަތީފް ވިދާޅުވި ގޮތުގައި ކުށުގެ ވެށީގައި އުޅޭ 15 އަހަރުން ދަށުގެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ފަހުގައި ދެން ފޯރުކޮށް ދޭން ޖެހޭ އެހީތެރިކަން ދޭން ޖެހެނީ ދައުލަތުގެ ކޮން އިދާރާއަކުން ކަން ސާފެއް ނުވެއެވެ.

އަބަދުވެސް ފާޑުކިޔުންތައް އަމާޒު ވެފައިވާ ޖެންޑާ މިނިސްޓްރީން ކޮމެޓީގައި ވާހަކަފުޅު ދެއްކެވި އަކްރަމް ހުސައިން ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ޖެހޭ ކަމަށެވެ. ނަމަވެސް ގާނޫނުގެ ދަށުން އެހީ ފޯރުކޮށް ދޭނެ މަރުކަޒުތައް ބިނާ ކޮށްފައި ހުންނަނީ ހަމައެކަނި އަނިޔާ ލިބޭ ކުދިންނަށް ކަމަށާއި ކުށުގެ ވެށީގައި އުޅޭ ކުދިން ރިހިބިލިޓޭޓް ކުރަން އެ ކުދިންނަށް ހާއްސަ ކޮށްފައިވާ މަރުކަޒުތައް ނުހުންނަ ކަމަށެވެ.

"މި ދެ ހާލަތުގައި ތިބި ކުދިން އެއް މަރުކަޒަކަށް ލުމުން ގިނަ މައްސަލަތަކެއް ދިމާވޭ. އެހެން ކަމުން އެ [ދެވައްތަރުގެ] ކުދިން ތިބެން ޖެހޭނީ ވަކިން،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުށުގެ ވެށީގައި އުޅޭ 15 އަހަރުން ދަށުގެ ކުދިން ރިހިބިލިޓޭޓް ކުރުމުގެ ނިޒާމް ގާއިމު ކުރުން އަވަސް ކުރަންޖެހެ އެވެ. އަނިޔާ ލިބޭ ކުދިންނަށް ޑީޖޭޖޭޔޫ އިން ހިންގާ ޕްރޮގްރާމުތައް ކުށުގެ ވެށީގައި އުޅޭ ކުދިންނަށް ވެސް ހިންގާ، އެ ކުދިން ރިހިބިލިޓޭޓް ކުރަން ޖެހޭނީ ޑީޖޭޖޭޔޫ އިންނެވެ.

އެ ކޮމެޓީގައި ބައިވެރިވެ ވަޑައިގެންނެވި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ކުޑަކުދިންގެ މައްސަލަ ތަކުގައި މުއައްސަސާތަކުން އަމަލު ކުރަންވީ ގޮތް އޮޅުން އަރަނީ ކުށުގެ މާހައުލުން އަންނަ 15 އަހަރުން ދަށުގެ ކުދިންނާ މެދުގައި އަމަލު ކުރުމުގައި ކަމަށެވެ.

ޖެންޑާ އިން ފާހަގަކުރި ގޮތަށް ޝަމީމް ވެސް ވިދާޅުވީ ކުށުގެ ވެށީގައި ކުށަށް އަރައިގަތުމުގައި އުޅޭ ކުދިންނާއި ކުށުގެ ވެށިން އަނިޔާ ލިބޭ ކުދިން އެއް މަރުކަޒެއްގައި ބައިތިއްބުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ބަންޑާރަނައިބު އޮފީހުގެ ފަރާތުން ކޮމިޓީއަށް ވަޑައިގެންނެވި އޮފިޝަލު، މުއައްސަސާތަކުގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ބައްލަވައި ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮތް ގޮތާއި، މުއައްސަސާތަކާ ހަވާލުވެފައިވާ ޒިންމާތައް ސާފު ކޮށްދެއްވާން މަސައްކަތް ކުރެއްވި އެވެ.

ކޮމިޓީގެ ބައްދަލުވުން ނިންމާލީ ކުޑަކުދިންގެ މައްސަލަތަކާއި ގުޅުންހުރި ހުރިހާ އިދާރާއެއް ބައިވެރިވާ ގޮތަށް ކޮމިޓީގެ އިތުރު ބައްދަލުވުންތަކެއް ބާއްވާން އެއްބަސް ވެގެނެވެ. މީގެ އިތުރުން އިދާރާތަކުގެ ޒިންމާތައް ސާފުވެފައިވާ ނަމަ އެކަން ބަޔާންކޮށް ހަފުތާއެއް ތެރޭގައި ލިޔުމަކުން އެކަން ކޮމިޓީއަށް އަންގަން ވެސް ނިންމި އެވެ.