ހަބަރު

ސުޕްރީމް ކޯޓުގެ ބެންޗް ހަތް ފަނޑިޔާރުންނަށް އިތުރުކުރަނީ

Jun 25, 2019
2

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރުމަށް، ކޯޓުތަކާބެހޭ ގާނޫނަށް މި ހަފުތާ ތެރޭގައި އިސްލާހު ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓު އުފެއްދީ ހަތް ފަނޑިޔާރުންގެ ބެންޗަކާއެކު ނަމަވެސް، 2014 ވަނަ އަހަރު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް މަދުކޮށްފަ އެވެ.

އެ ބަދަލާއެކު އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ވަކިކުރި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބަންޑާރަ ނައިބު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަށް މި ހަފްތާގެ ތެރޭގައި ކޯޓުތަކާބެހޭ ގާނޫނަށް މި ހަފުތާ ތެރޭގައި އިސްލާހެއް ހުށަހަޅުއްވާނެ ކަމަށެވެ.

"މިހަފްތާގެ ތެރޭގައި އަޅުގަނޑުމެން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާނަން. އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލު ކުރުމަށްޓަކައި ގެންނަ އިސްލާހެއް،" ރިއްފަތު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގެ ތެރެއިން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ހާމަކޮށްފަ އެވެ. އެގޮތުން، ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނައުމުގެ އިތުރުން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބޮޑެތި ބަދަލުތަކެއް ގެންނަ ބިލެއްވެސް އެ އެޖެންޑާގައި ވަނީ ހިމަނާފަ އެވެ.

އޭގެ ތެރެއިން މި ހަފްތާ ތެރޭގައި މަޖިލިސް އަށް ހުށަހަޅަން ނިންމާފައިވާ އެއް ބިލުގެ ތަފްސީލު ރިފްއަތު ވަނީ ދެއްވާފަ އެވެ.

އެއީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނުތަކަށް އިސްލާހު ގެންނަން ވެގެން ހުށަހަޅާ ބިލެވެ. އެބިލާއި ބެހޭގޮތުން މައުލޫމާތު ދެމުން ރިފްއަތު ވިދާޅުވީ، ޖޭއެއްސީގެ ގާނޫނު މިހާރު އޮތީ ފަޑިޔާރުންނާ ދެކޮޅަށް ހުށަހަޅާ މައްސަލަތަށް ފަސޭހައިން ބެލޭނެ ގޮތަކަށް ނޫން ކަމަށެވެ. އަދި ޖޭއެސްސީގެ ގާނޫނު އިސްލާހުކުރަން ނިންމާފައިވަނީ މިހާރު ފަޑިޔާރުންގެ ޝަކުވާތަށް ޖޭއެއްސީއަށް ހުށަހެޅުމުގައާއި ބެލުމުގައި ދިމާވާ ދަތިތަށް ނައްތާލަން ކަމަށެވެ.

"ޖުޑީޝަލް ސާވިސްގެ ގާނޫނަށް ގެންނަ އިސްލާހުތަކަށް ސަރުކާރުން ހުށަހަޅާ އެންމެ ބޮޑު އިސްލާހު، ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ފަސޭހައިން ޝަކުވާހުށަހެޅި އަދި އަވަސް މިނެއްގެ މައްސަލަތަށް ބެލި ގާނޫނާއި ގަވާއިދުގެ ދަށުން ފަޑިޔާރުންނަށް އަޅަން ޖެހޭ ފިޔަވަޅުތަށް އަޅަން، އެހެންނަމަވެސް ފާއިތުވި ދުވަސްތަކަށް ބަލާއިރު އަޅުގަނޑުމެންނަށް ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު އެތަނުގެ މަސައްކަތް އިންތިޒާމު ކުރެވިފައި އޮތީ އެހާ ލުއި ފަސޭހަ ގޮތަކަށް ނޫން" ރިފްއަތު ވިދާޅުވި އެވެ.

ޖޭއެއްސީގެ ގާނޫނު ގަވާއިދު އިސްލާހުކޮށް ޖުޑިޝަރީ އިސްލާހުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މައިގަނޑު އެެއް ވައުދެވެ. އެގޮތުން ޖުޑިޝަރީ އިސްލާހުކުރުމުގެ މަސައްކަތް މިހާރުވެސް ވެރިކަން ކުރަމުންދާ އެމްޑީޕީ އިން ފަށައިފަ އެވެ.