ހަބަރު

ހައްދުފަހަނަ އަޅާ ދަނީ ތައުލީމު ނުލިބިގެނެއް ނޫން: މިނިސްޓަރު

ފިކުރީ ގޮތުން ހައްދުފަހަނަ އަޅާ ދަނީ ރަނގަޅު ތައުލީމު ނުލިބިގެން ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ނެޝަނަލް ކައުންޓާ ޓެރަރިޒަމް އިން މިއަދު ފެށި "ފިކުރީ ގޮތުުން ހައްދުފަހަނަ އަޅާ ދިއުމުގައި ދީނީ އިލްމުވެރިންގެ ދައުރު" ގެ ވޯކްޝޮޕް ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމު ހާސިލްކޮށްގެން ތިބި ޒުވާނުންނާއި ރަނގަޅު ވަޒީފާތަކުގައި އުޅޭ މީހުންވެސް ފަސޭހައިން މަގު އޮޅި ދާނެ ކަމަށެވެ.

"ހަރުކަަށި ވިސްނުން ގެންގުޅޭ މީހުން އެމީހުންގެ ޓާގެޓްތައް ހޯދަނީ ޒުވާނުންގެ ތެރެއިން. އެއީ، ނުކިޔަވާ ތިބި، ވަޒީފާގައި ނޫޅޭ ނުވަތަ އަޅާލުން ނުލިބޭ މީހުން ކަމުގައި ވިޔަސް. އެމީހުންނަކީ ކިޔަވަައިގެން ތިބި، އަދި ވަޒީފާގައި އުޅޭ މީހުން ކަމުގައި ވިޔަސް، ނުބައި މަގުން ދާން މަގުފަހި ވެދާނެ" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ، ދީނީ އިލްމުވެރިންނާއި ލީޑަރުންގެ މުހިއްމުކަން މިކަހަލަ ވޯކްޝޮޕްތަކުގައި މުހިއްމު ކަމަށެވެ. އަދި ފިކުރީ ގޮތުން ހަައްދުފަހަނަ އަޅާ ދިއުމާއި ޓެރަރިޒަމަށް މަގުފަހި ކުރުމުން ދުރު ކުރުމުގައި ވެސް އެ ބޭފުޅުންގެ ދައުރު މުހިއްމު ކަމަށެވެ. ހަމައެހެންމެ، ތައުލީމީ ދާއިރާއިން ބަދަލުތަކެއް ގެނެސް ދަރިވަރުން ހޭލުންތެރިކޮށް ހެޔޮ، ރަނގަޅު ނަތީޖާ ނެރެދިނުމުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެންސީޓީސީއިން ދެ ދުވަހުގެ މުއްދަތަށް ފެށި މި ވޯކްޝޮޕްގައި ދީނީ އިލްމުވެރިންނާއި ސަރުކާރު އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.