އަރަބިއްޔާ ސްކޫލް

އަރަބިއްޔާ ބޮލަށް ވެއްޓެނީ، އިލްމުވެރިން ކަންބޮޑުވެފައި

އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު މުއައްސަސާއަކަށް ރާއްޖޭގައި މި ވަގުތު ހުރި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ހިންގާ އިމާރާތުގެ ހާލަތާމެދު ރާއްޖޭގެ އިލްމުވެރިން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އަރަބިއްޔާ ސުކޫލު ހިންގާ އިމާރާތުގައި ބޮޑެތި ރެނދު އަޅާފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއެކު ބެލެނިވެރިން ވެސް އެ ކަންބޮޑުވުންތައް ފާޅުކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލު ކަމަށް ވެސް ބެލެނިވެރިން ވަނީ ގެންގޮސްފަ އެވެ.

އަރަބިއްޔާގެ ހާލަތާމެދު ކަންބޮޑުވުން ފާޅު ކުރައްވާ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަރަބިއްޔާ ހިންގާ އިމާރާތައް ދިމާވެފައިވާ ހާލަތާމެދު ކަންބޮޑުވުވެވަޑައިގަންނަވާ ކަމަށެވެ. އަދި ވީ އެންމެ އަވަސް ފުރުސަތެއްގައި ދަރިވަރުން އަމާން މާހައުލަކަށް ބަދަލު ކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

"އަރަބިއްޔާއަށް އާ އިމާރާތެއް އަޅަން އާ ބަޖެޓްގައި ހިމެނުމަށް ވެސް ގޮވާލަން،" ޝަހިމް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތައް ދިފާއުކޮށް ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކުގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފާއި ޝައިހް އަލީ ޒައިދު ވެސް ވަނީ އަރަބިއްޔާގެ އިމާރާތުގެ ހާލަތާމެދު ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އިޔާޒު ވަނީ އެފަދަ ބިރުވެރި ހާލަތެއްގައި ކުދިންނާއި ބެލެނިވެރިން ބައިތިއްބަވަން ނުހަދާ އެހެން އިމާރާތަކަށް ސްކޫލާއި ކުދިން ބަދަލުކޮށް ދޭން އެދިވަޑައިގެންފަ އެވެ. އޭނާގެ ޓްވީޓް ރައީސް ސޯލިހާއި ނާއިބު ރައީސް ފައިސަލް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ވެސް ޓެގް ކުރައްވާފައި ވެއެވެ.

"އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ދޭ މައިމަރުކަޒު. މި ސްކޫލުގެ ހާލަތާމެދު ކަންބޮޑުވަން. މި ތަނުގައި ކިޔަވަނީ ހަމަ އަޅުނޑުމެންގެ ދިވެހި ދަރިން. މިވާހަކަ ކުރިން ވެސް އަޅުގަނޑުމެން ދެއްކިން. ކަމާބެހޭ ފަރާތްތަކުން މިތަނަށް ބަހާ އަމަލުން އަޅާލުން ދޭންޖެހޭ،" މިހާތަނަށް ސަރުކާރު ދިފާއު ކުރަމުން ވަޑައިގެންނެވި ޝައިހް އަލީ ޒައިދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އަރަބިއްޔާ ސުކޫލު މިހާރު ހިންގާ އިމާރާތަކީ ފަހުގެ އިމާރާތެއް ނަމަވެސް އެއީ ފެންވަރު ދަށްކޮށް އިމާރާތް ކޮށްފައިވާ ތަނެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެ އިމާރާތް މަރާމާތު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.