އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރު ދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ ހަތެއް، 2012ގައި ބަދަލުވެ ޖެހިގެން އައި ފެބްރުއަރީ އަށްވަނަ ދުވަހު އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށާއި އެކަމުގެ ބަދަލު ނުހިފި އޮތުމުން އެމްބަސީން ފަށަށް ފެންނަ ކަމަށް ޓްވިޓާގައި ވިދާޅުވީ އައްބާސް އާދިލް ރިޒާ އެވެ.
އައްބާސް އާދިލް ރިޒާއަކީ ކުރީގެ ސަރުކާރެއްގައި ތަރުޖަމާނުގެ ކަމުގެ މަގާމާއި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
އެކަން ކުށްވެރިކޮށް މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ޒީރޯ ޓޮލަރެންސް އޮން ޓެރަރިޒަމް ތަންފީޒު ކުރައްވާނެ ކަމަށެވެ.
އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ގާތް ބައިވެރިޔާ ކަމަށާއި ދިވެހި ރައްޔިތުންގެ ތަރައްގީ ހުއްޓުވާލުން ބަލައިނުގަނެވޭ ކަމަށް ވިދާޅުވި އެވެ.
އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރު ދިނުން އެމްއާރްއެމް އާއި އަދާލަތު ޕާޓީގެ އިތުރުން އެމްޑީޕީން އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.