ހަބަރު

ލުތުފީ އޭސީސީން އިސްތިއުފާ ދެއްވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސަތާކުގެ ކޮމިޓީން ނިންމާފައި ވަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭސީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމުގެ ސިޓީ ލުތުފީ ހުށަހަޅުއްވާ ފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ "އަވަސް" އަށް ކަށަވަރުކޮށްދެއްވާފަ އެވެ. ހޫދު ވިދާޅުވީ ލުތުފީ މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ރައީސް އޮފީހަށް އިއްޔެ މެއިލް ކުރައްވާފައިވާ ކަމަށެވެ.

ލުތުފީ އޭސީސީން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ އެ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ނިންމާފައި ވަނިކޮށެވެ. ލުތުފީ މަގާމުން ވަކި ކުރަން މަޖިލިސް ކޮމިޓީން ނިންމީ މިިދިޔަ ދެ މަސް ދުވަހު އޭނާާ ވަޒީފާއަށް ނުކުމެވަޑައިގެންފައި ނުވާތީ އެކަމަށް ރިއާޔަތްކޮށެވެ.

އޭސީސީން މަޖިލީހުގެ ކޮމިޓީއަށް ފޮނުވި ސިޓީގައިވާ ގޮތުގައި ލުތުފީ އެންމެ ފަހުން ވަޒީފާއަށް ނުކުމެވަޑައިގަތީ މިދިއަ ފެބްރުއަރީ ހަވަނަ ދުވަހު އެވެ. އަދި މިދިއަ އޭޕްރީލް 14 އާ ހަމައަށް އޭނާ ޗުއްޓީ ނެންގެވި އެވެ. އެ ޗުއްޓީ ހަމަވި ފަހުން ދެ މަސް ދުވަސްވީއިރު ވަޒީފާއަށް ނުކުމެވަޑައެއް ނުގަންނަވަ އެވެ.

ލުތުފީ އޭސީސީއަށް އައްޔަން ކުރީ އޮކްޓޯބަރު 13، 2010 ގަ އެވެ.