ހަބަރު

ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދަން އިއުލާނުކޮށްފި

Jun 27, 2019
4

ސުޕްރީމް ކޯޓުގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓަށް ދެ ގާޒީންގެ މަގާމް އިތުރުކޮށް، އެ ދެ މަގާމަށް ގާޒީން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވުމުގެ އިތުރުން، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން، ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަތަކަކީ އިންތިހާބުކޮށްފައިވާ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް އަދާކުރަމުންދާ މީހެއް ކަމުގައިނުވުމުގެ އިތުރުން، ޖިނާއީ ކުށެއް ސާބިތުވެފައިނުވާ އަދި ސާބިތު ދަރަންޏެއް އޮތްނަމަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންދާ މީހަކަށް ވާންޖެހޭނެކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ފަނޑިޔާރުގެ މަގާމަށް މަހަކު 30،000 ރުފިޔާގެ މުސާރައެއް ކަނޑައަޅާފައިވާއިރު، ލިވިންގް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެ އެވެ. އޭގެ އިތުރުން، ފަނޑިޔާރުންގެ ގާނޫނާ އެއްގޮތަށް މެޑިކަލް އިންޝޫރަންސާއި ފޯނު އެލަވަންސްވެސް ވަނީ ކަނޑައަޅައިފަ އެވެ.

ޖޭއެސްސީން ބުނީ ޝަރުތުތައް ހަމަވާ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތްތަކުން ވަޒީފާގެ ފޯމުގެ އިތުރުން ބޭނުންވާ އެހެނިހެން ލިޔެކިޔުންތަކާއެކު އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެނދުރު 1.00 ކުރިން ހުށަހަޅަންޖެހޭނެ ކަމަށެވެ.