ދުނިޔެ

އިރާނުގެ ރައްދު މާ ވަރުގަދަ ވާނެ: ލަރިޖާނީ

އެމެރިކާއިން އިރާނުގެ ބޯޑަރު ހުރަސްކޮށްފި ނަމަ ޑްރޯން ވައްޓާލަން ދީފައިވާ ހަމަލައަށް ވުރެ ވަރުގަދަ ހަމަލައެއް ދޭނެ ކަމަށް އިރާންގެ ޕާލަމަންޓް ސްޕީކަރް އަލީ ލަރިޖާނީ ވިދާޅުވެއްޖެ އެވެ.

"އެމެރިކާގެ ޑްރޯން ވައްޓާލުމަކީ އިރާނުގެ ބޯޑަރުތައް ހުރަސް ނުކުރަން ރަނގަޅު ފިލާވަޅަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރަން. އަދި މި ފުރުސަތުގަ ބުނެލަން އޮތީ އެފަދަ ދެވަނަ ހާލަތެއްގައި އިރާނުން ދޭ ރައްދު މާ ވަރުގަދަ ވާނެ ކަމަށް" ލަރިޖާނީއާއި ހަވާލާދީ އިރާންގެ ތަސްނީމް ނިއުސް އެޖެންސީން ބުނެފައި ވެއެވެ.

އެމެރިކާއިން އިންކާރު ކުރިނަމަ ވެސް އެ ގައުމުގެ ޑްރޯން އުޅުނީ އިރާނުގެ ވައިގެ ސަރަހައްދަށް ވަދެ ކަމަށް އިރާނުން ބުނެ އެވެ.

އެކަމާއި ގުޅިގެން އެމެރިކާއިން ރައްދުގައި ދޭން ވިސްނި ހަމަލަ ފަހު ވަގުތު ޓްރަމްޕް ހުއްޓުވާފައި ވަނީ އެފަރާތުން ރައްދުގެ ހަމަލައެއް ދީފިނަމަ އިރާނުން ގިނަ އަދަދަކަށް މީހުން މަރުވާނެ ކަމަށާއި އިރާނުގެ ރައްޔިތުންތަކެއް މަރުވެދާނެ ފަދަ ހަމަލައެއް ދޭޭން ބޭނުން ނުވާ ކަމަށް ބުނަމުން ނެވެ.

އެމެރިކާއާއި އިރާނުން ކުރާ ޒުވާބު ހޫނުވަމުން ދާއިރު ހަނގުރާމައަކާ ހަމައަށް ގޮސްފިނަމަ އިރާނު ނައްތާލާނެ ކަމަށް އެމެރިކާއިން ބުނެފައި ވެއެވެ. ނަމަވެސް އަސްކަރީ ކުރިމަތިލުމަކާއި ހަމައަށް ދާން ބޭނުންނުވާ ކަމަށް އެމެރިކާއިން ދަނީ ބުނަމުން ނެވެ.

އެމެރިކާާއާއި އިރާން، ހަނގުރާމައެއް ފަށައިފިނަމަ މެދުއިރުމަތީގެ މަޝްރަހު މިހާރަށްވުރެ މާބޮޑަށް ގޯސްވެ އޭގެ ސަބަބުން މެދުއިރުމަތި ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތްކަމަށް ދުނިޔޭގެ ހިއުމަން ރައިޓްސް ޖަމިއްޔާތަކުން ބުނެއެވެ.

އެފަދަ ހާލަތެއްގައި އިރާނުގެ އަވަށްޓެރި ގައުމުތަކުގައި މިހާރު ހިނގަމުންދާ ކަހަލަ ދާހިލީ ކޯޅުންތައް އިރާނުގައި ވެސް ގިނަވެ އެއްވެސް ކުށެއްނެތް އެތައް މިލިއަން އާންމުންނަށް ހިތްދަތިކަމާއި ކުރިމަތިލާން ޖެހޭނެކަމުގެ ބިރު އޮތް ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.