ހަބަރު

"ބޭރުގެ އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތެއް ނުދޭނެ"

ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ދިނުމުގެ ވިސްނުމެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ ޗީފް އާއި ވައިސް ޗީފް ގެ އިތުރުން އެންމެ އިސް ޖެނެރަލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޝަމާލް ވިދާޅުވީ، އުތުރުތިލަފަޅު ތަރައްގީކޮށް، އެތަނުގައި ޑޮކް ޔާޑެއް ހެދުމަށް ހިލޭ އެހީ ދިނުމުގެ އިޝާރާތެއް އިންޑިއާއިން ދީފައިވާ ކަމަށާއި، އުތުރުތިލަފަޅު ތަރައްގީ ކުރެވިއްޖެ ނަމަ، އެމްއެންޑީއެފްގެ އުޅަނދުތައް މަރާމާތުކޮށް، ދުވަހުން ދުވަހަށް ހިނގާ ހަރަދުތައް ކުޑަ ކުރެވިގެންދާނެ ކަމަށެވެ.

ބަނދަރެއްނެތުމާއި، އުޅަނދުތައް މަރާމާތު ކުރާނެ ތަނެއް ނެތުމުގެ ދަތިކަން ފާހަގަކޮށް، ޝަމާލް ވިދާޅުވީ، އެމްއެންޑީއެފްގެ އިސްކަންދަރު ލޯންޗު ގަރައުންޑްވެފައި އޮންނަތާ ހަތް އަހަރު ވެފައިވާއިރު، ގާޒީ ލޯންޗް އޮޕަރޭޓް ނުކުރެވި އޮންނަތާ ތިން އަހަރުވެފައިވާ ކަމަށެވެ. އަދި ބަނދަރެއް ނެތުމުގެ ސަބަބުން އެމްއެންޑީއެފްގެ އުޅަނދުތަކުގެ ޖަނަރޭޓަރުތަކާއި، އިންޖީނުތައް ހިންގާފައި ބަހައްޓަން ޖެހުމުގެ ސަބަބުން ބޮޑެތި ހަރަދުތަކެއް ހިނގަމުންދާކަން އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ޝަމާލް ވިދާޅުވީ، ރާއްޖޭގައި އެހެން ގައުމެއްގެ އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ދިނުމުގެ ވިސްނުމެއް ދިވެހި ސަރުކާރާއި، އެމްއެންޑީއެފްގައިވެސް ނެތް ކަމަށެވެ. އެހެން ނަމަވެސް އެހެން ގައުމުތަކާއި ގުޅިގެން އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ ވިސްނުން އަބަދުވެސް ގެންގުޅޭ ކަމަށާއި، އެގޮތުން ބޭރު ގައުމުތަކާއި އެކު ޓްރެއިނިންތައް ހިންގަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން އުތުރުތިލަފަޅު ތަރައްގީ ކުރުމަށް އިންޑިޔާގެ އެހީ ލިބުނު ކަމުގައިވީނަމަވެސް، އެތަނަކީ އެއްވެސް ގައުމެއްގެ އަސްކަރީ ބޭސް އަކަށް ނުވާނެ ކަމަަށާއި، އެތަނުގައި ތިބޭނީ ދިވެހި ސިފައިން ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށްދޭ ޑޯނިއާ މަތިންދާބޯޓެއްގެ ވާހަކަ ދެކެވޭ ކަމަށާއި، އެހެން ނަމަވެސް އެ ބޯޓާއެކު އަންނާނެ އިންޑިއާގެ ސިފައިންގެ އަދަދެއް އެނގިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ޑޯނިއާ އޮޕަރޭޓްކުރާނަމަ އެމްއެންޑީއެފް ޕައިލެޓުން ތިބޭނެ ކަމަށް ޝަމާލް ވަނީ ވިދާޅުވެފަ އެެވެ.

ޝަމާލް އިތުރަށް ވިދާޅުވީ، އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ގުޅިގެންވެސް ތަފާތު ވާހަކަތައް ދެކެވޭ ކަމަށާއި، ހެލިކަޕްޓަރު އެއްތަނުން އަނެއްތަނަށް މޫވް ކުރަނީ އެމްއެންޑީއެފްގެ ފުރިހަމަ ކޮންޓްރޯލްގައިކަމުގެ ޔަގީންކަން އަރުވާކަމަށާއި، ހެކިކަޕްޓަރާއެކު ތިބި އިންޑިއާ ސިފައިންނަކީ، ޓެކްނިކަލް ސިފައިން ކަމަށާއި، އެއީ ހަނގުރާމަވެރި ސިފައިން ނޫން ކަމަށެވެ.