ކުޑަ ކުދިންގެ ބަގީޗާގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެލުމުގެ ދަށުގައި އޮތް ކިނބުލަށް ވީ ގޮތެއް ނޭނގޭ ކަމަށާއި، އެ ކިނބުލަށް ވީގޮތެއް ބަލާނެ ކަަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ އިސްވެރިން ބަންޑާރަކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބުދުއްރަހީމް ވިދާޅުވީ، ކިނބޫ ގެންދިޔަ އިރު އެމްއެންޑީއެފްގައި އުޅުއްވި ނަމަވެސް، ކިނބުލަށް ހެދި ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެކަން ބައްލަވާނެ ކަމަށެވެ.
އެކަމަކީ އިންޓާނަލް ކަމަކަށްވާތީ އެކަން ބެލުމަށްފަހު ޖަވާބުދެވޭ ހިސާބަށް ދެވުމުން މީޑިއާއާއި އެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ އޭތި އެތަނުގައި އޮންނަތާ 17 އަހަރު ފަހުން އެތަނުން ނަގައި އެހެން ތަނަކަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ.
އޭރު އެމްއެންޑީއެފުން ބުނީ، ކުޑަކުދިންގެ ބަގީޗާގައި އޮންނަ ކިނބޫ ސިފައިންގެ ބެލުމުގެ ދަށުން، ރައްކާތެރި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް ގެއްލުމެއް ނުލިބި ވަރަށް ސަލާމަތްތެރިކަމާ އެކު އެ ކިނބޫ އޮތީ އަދިވެސް ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އެ ކިނބޫ ހިފާފައި ވަނީ އަރިއަތޮޅު ތެލުވެލި ގާ ފަޅުތެރެއިން 1998 ވަނަ އަހަރު ގަހާ އަހުމަދު ސައީދެވެ. އޭރު އެއީ އެންމެ ހަތަރު ފޫޓު ހުރި ޅަ ކިނބުލެކެވެ. އެހެން ނަމަވެސް އެ ކިނބޫ ގެއްލުނު އިރު އޮތީ ވަރަށް ބޮޑުވެފަ އެވެ. އަދި އެ ކިނބުލަށް ކޮންމެ ދުވަހަކުހެން ދެތިން ރޯ ކުކުޅު ކާންދޭން ޖެހޭ ކަމަށް އެމްއެންޑީއެފުން އޭރު ވަނީ ބުނެފަ އެވެ. އަދި އެ ކިނބޫ ލަންކާއަށް ފޮނުވާލަން ކުރިން އެމްއެންޑީއެފުން މަަސައްކަތް ކުރިނަމަވެސް އެކަމަށް އެގައުމުގެ އެއްބާރުލުން އޭރު ނުލިބުނު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.