ކުޅިވަރު

ސެމީގައި ޗިލީއާ ދެކޮޅަށް ޕެރޫ

މެޗުގެ ނަތީޖާ ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުމުން، ޕެނަލްޓީ ޝޫޓު އައުޓްގައި، އުރުގުއޭގެ ލުއިސް ސުއަރޭޒް ޖެހި ޕެނަލްޓީ ނާކާމިޔާބުވުމުން 5-4 ން މެޗު ކާމިޔާބު ކޮށް ޕެރޫ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ރޭ ކުޅުނު ކްއާޓާ ފައިނަލު މެޗުގައި، މުޅި މެޗު ޑޮމިނޭޓް ކުރީ، ކޮޕާ އެމެރިކާ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ޓީމު އުރުގުއޭ އެވެ. އެހެންނަމަވެސް ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި، ފުރަތަމަ ޕެނަލްޓީ ޖަހަން ދިޔައީވެސް އުރުގުއޭއިން ސުއަރޭޒް އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ، ޕެރޫގެ ކީޕަރު ޕެޑްރޯ ގަލޭސޯ ދިފާއު ކުރީ އެވެ. އެ ޕެނަލްޓީ ފިޔަވައި އަނެއް ނުވަ ޕެނަލްޓީ ގޯލަށް ވަނެވެ.

މެޗުގައި، އުރުގުއޭގެ ޑިފެންޑަރު ހޯސޭ ހިމެނޭޒް ހުރީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އޭނާ ވަނީ ޕެރޫއިން އުފެއްދި ނުރައްކާތެރި ހަމަލާއެއް ދިފާއު ކުރުމުގައި މޮޅު ކުޅުމެއް ދެއްކި އެވެ.

ސެމީ ފައިނަލުގައި، ޕެރޫ ވާދަ ކުރާނީ، އެންމެ ފަހުގެ ޗެމްޕިއަން ޗިލީ އާ ދެކޮޅަށެވެ. ޗިލީ ސެމީއަށް ދަތުރު ކުރީ، ކްއާޓާ ފައިނަލުގައި ކޮލަމްބިއާ އާ ދެކޮޅަށް ޕެނަލްޓީ ޖަހައިގެން 5-4 މެޗު ކާމިޔާބު ކޮށްގެންނެވެ. ޕެރޫ އާއި ޗިލީ ބައްދަލު ކުރާ ފައިނަލު މެޗު އޮންނާނީ ރާއްޖޭ ގަޑިން ބުރާސްފަތި ދުވަހު ފަތިހު 5:30 ގަ އެވެ.