ހަބަރު

ގައިދީ ދޫކޮށްލި އޮފިސަރު ސަސްޕެންޝަނަށްފަހު ވަޒީފާއަށް ނުކުމެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާފު ނުދެއްވާ ގައިދީއަކު ޖަލުން ދޫކޮށްލި މައްސަލާގައި ސަސްޕެންޑް ކުރި ޖަލު އޮފިސަރު އަލުން ވަޒީފާއަށް ނުކުމެއްޖެ އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ޖަލުން ދޫކޮށްލާފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައެއްގައި 25 އަހަރަށް ޖަލަށް ލާފައިވާ މީހެކެވެ. އޭނާ ފަހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މައްސަލާގައި ސަސްޕެންޑް ކޮށްފައި ވަނީ ކުށްވެރިން ދޫކުރުމަށް ޗިޓް ހަދާ ކަރެކްޝަންސްގެ އޮފިސަރެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، ސާވިސް ގަވާއިދު ބުނާ ގޮތުން މުއައްޒަފަކު އެންމެ ގިނަވެގެން ސަސްޕެންޑް ކޮށްފައި ބެހެއްޓޭނީ 21 ދުވަސް ވަންދެން ކަމަށެވެ. އެގޮތުން އެމުއްދަތު ހަމަވުމުން މިދިޔަ ބުރާސްފަތި ދުވަހު އޭނާ އަލުން ވަޒީފާއަށް ނުކުމެފައިވާ ކަމަށެވެ.

އޭނާ ވަޒީފާއަށް ނުކުތް ނަމަވެސް އެމައްސަލަ މިހާރުވެސް ތަހުގީގް ކުރަމުންދާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އެ އޮފިސަރު އަލުން ވަޒީފާ އަށް ނެރެފައިވަނީ މާލޭ ޖަލަށެވެ. އޭނާ ކުރިން މަސައްކަތް ކުރީ ކަރެކްޝަންސްގެ ހެޑް އޮފީހުގައި އެވެ، އެމައްސަލަ އަންނަނީ ފުލުހުންވެސް ތަހުގީގް ކުރަމުންނެވެ.