ލައިފްސްޓައިލް

ކޮބާ ޑައެޓު؟ އަހަރު ދެބައިވެއްޖެ!

އަހަރު ފެށޭއިރު ކަމާކަންފަށާފައި އެ އަހަރު ކުރާނެ ކަންކަން ވަރަށް ރަނގަޅަށް ވިސްނައި ކަންތައްތަކެއް ކުރަން ކަނޑައަޅައެވެ. ދެ ތިން މަހެއްވާ އިރު "އަދި ދުވަސް އެބައޮތް" ވިސްނުމުގައި އަދިވެސް މަޑުކޮށްލެވެއެވެ. ނަމަވެސް ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންނަމަ އަމަލު ކުރަންވީ ވަގުތަކީ މިއީއެވެ. އަހަރެއް ދެބައިވެގެން މި ދިޔައީ އެވެ.

އާ އަހަރަށް މަރުހަބާ ކިޔުމަށް ހަދާ ގޯލްތަކުގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމާއު ހަށިގަނޑަށް ގެއްލުންވާ ކާނާއާއި ދުރުވުން މިއީ އެންމެ އާއްމުއެއް ގޯލެވެ. އެންމެ ކުރަން އުދަނގޫ އަދި ވަރަށް ބޮޑު ޗެލެންޖަކަށް މިކަން އޮންނަނީ ވެފައެވެ. އަހަރުގެ ފުރަތަމަ ކޮޅު މި ކަންކުރަން ބާރަށް ހިފައިފައި ހުއްޓަސް އަހަރު މެދާ ހިސާބަށްދާ އިރު މިއީ ކުރަން ގަސްދުކުރި ނުވަތަ ކުރަން ނިންމި ކަމެއް ކަމަށް ހަނދާންވެސް ނުހުންނަ ފަހަރު އޮންނަނީ ގިނަ ވެފަ އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް މި ބަދަލު ގެންނަންވީ މަޑުމަޑުން ލަސްލަހުންނެވެ. ކުއްލިއަކަށް ހުރިހާ އެއްޗެއް ބަދަލު ކޮށްލުމަށް އުނދަގޫ ވެދާނެ އެވެ. އަދިވެސް މި ކަން ކުރުން ބޭނުންނަމަ ތިރީގައި މިވާ ކުދިކުދި ކަންކަން ކޮށްގެން މި ކަން ކުރެވިދާނެ އެވެ.

ޕްރޮސެސްކޮށްފައިވާ ކާނާއާ ދުރުވުން

ސޮސެޖާއި ޗިޕްސް އަދި ނޫޑުލްސް އަކީ އާއްމުކޮށް ކޮންމެ ދުވަހަކު ކާ އެއްޗެއް ނަމަ މި ތަކެތީގެ ބަދަލުގައި ހަށިގަނޑަށް ފައިދާ ހުރި ތަރުކާރީ އާއި މޭވާ އަދި ހޯލްގްރެއިންގެ ބާވަތްތައް ކެއުމުގެ ތެރޭގައި ހިމަނާށެވެ. މީގައި ހަށިގަނޑަށް ބޭނުންވާ ނިއުޓިރިއެންޓްސް ގެ މާއްދާތައް ކަމުގައިވާ، ޕްރޮޓީން، ފައިބަރު ހެލްތީ ފެޓްސް ވިޓަމިން އަދި މިނަރަލް ހިމެނޭނެ އެވެ. އެހެންކަމުން މެންދުރު ކެއުމަށާއި ރޭގަނޑު ކެއުމަށް ކޮންމެވެސް ތަރުކާރީ ހިމަނާ އެހެން ގަޑިތަކުގައި ލުއި ކާނާއެއްގެ ގޮތުގައި ކާލަންވީ މޭވާއެކެވެ. އާއްމުކޮށް ޕްރޮސެސްކޮށްފައިވާ ލުއިކާނާއިން ހަށިގަނޑަށް ދައިދާ ހުރި އެއްޗެއް ނުލިބި އެތަށް ކެލަރީއެއް އެތެރެ ވެގެން ދެއެވެ.

ހަކުރު ގިނަ ބުއިންތަކަށް ނޫނެކޭ ބުނަންވީ

ހަކުރު ގިނަ ފިޒީ ބުއިންތަކުން ޓައިޕް2 ޑައިބެޓީސް އާއި އާދަޔާ ހިލާފަށް ފަލަވުމާއި މީހާ ކައިރި ކުރުމުގެ އިތުރުން ލިވާއަށް ގެއްލުންވުމާއި، އަވަހަށް މުސްކުޅިވުން އަދި އެންޒައިޓީ ވެސް މީހާއަށް އާދެއެވެ. އެހެން ކަމުން އުމުރުގެ މި އޮތްބައިގައި ދެން ހަކުރު ގިނަ ޖޫސްތަކާއި ފިޒީ ބުއިންތަކުގެ ބަދަލުގައި އިންފިއުސްޑް ވޯޓާ ނުވަތަ މޭވާ އަޅައިގެން އޭގެ ރަހަ ފެނަށް ލައްވާ ތައްޔާރުކުރާ ފެން ބުއިމަށް އާދަ ކުރެވިދާނެ އެވެ.

ފައިދާހުރި ކާނާ ހޯދާފައި ބެހެއްޓުން

ބަނޑުހައިވާއިރަށް އެންމެ ފަސޭހައިން ކުރެވޭ ކަމަކީ ފެންނަ ކޮންމެ އެއްޗެއް ކާލެވެނީ އެވެ. މީގެ ބަދަލުގައި ސިއްހަތަށް ފައިދާ ހުންނަ މޭވާ މޭޒުމަތީގައި ވަށިގަނޑަކަށް އަޅާފައި ބެހެއްޓިދާނެ އެވެ. ނަޓްސް އާއި އެކި ކަހަލަ ސީޑްސް ވެސް ދަޅުދަޅަށް އަޅާ ބެހެއްޓިދާނެ އެވެ. އަދި އަބަދުވެސް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ފައިދާ ހުރި އެއްޗަކަށް ބޭނުންވާ ހުރިހާ އެއްޗެއް ގޭގައި ހޯދާ ބެހެއްޓިދާނެ އެވެ.

ކާ މިންވަރު މަދުކުރުން

ވަގުތުން ވަގުތަށް ހުދުފުށު ބަދަލުގައި އާޓާ ފުށު ރޮށި އަދި ހުދު ބަތުގެ ބަދަލުގައި ރަތްހަނޑޫ އަށް ބަދަލު ކޮށްލަން އުނދަގޫ ވެދާނެ އެވެ. މިހެން ވާނަމަ ކެއުމުގެ ޕޯޝަން ކުޑަކޮށް ހަމަ އިހުގައި ކެއުން ބެހެއްޓި ގޮތަށް ބަހައްޓާށެވެ. ޕާސްތާ ފަދަ އެއްޗެއް ކައްކާއިރު ވެސް މިނައިގެން ކެއްކުމާއި ތަށްޓަށް އަޅާާއިރުވެސް ހަމަ ޖޯޑެއްގެ ޕާސްތާ ކެއުމަށް ތައްޓަށް އެޅިދާނެ އެވެ. ސައިންސް ވެރިން ބުނާ ގޮތުގައި މާ ބޮޑު ތައްޓަކަށް ކާނަމަވެސް ވިސްނޭނީ އަދި ބަނޑުފުރާ ނުކެވޭ ކަމަށެވެ. އެހެންކަމުން ކާތަށި ކުޑަކުރުމަކީ ޕޮޝަން ކުރުމަށް އެހީތެރިވާނެ ކަމެކެވެ.

ޑައެޓަށް ލާންވީ ޕްރޮބަޔޮޓިކްސް

ޔޯގަޓާއި، އެޕެލް ސިޑާ ވިނެގާ ފަދަ ތަކެތި ގިނަގިނައިން ކެއުމަށް އާދަކުރަންވީ އެވެ. މިތަކައްޗަކީ އޭގައި ގޮހޮރަށް ފައިދާ ކުރެވޭ ބެކްޓީރިއާ ހުރުމުގެ ސަބަބުން ހަޖަމު ކުރުމަށާއި، ނިއުޓިރިއެންޓްތަށް ދަމައިގަތުމަށާއި ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް އެހިތެރިވެދޭނެ ތަކެއްޗެވެ.

ގިނައިން ފެންބޮއެ ހައިޑްރޭޓް ކުރުން

ގިނައިން ފެންބޮއެ ހައިޑްރޭޓް ކުރުމަކީވެސް އޭގެ ސަބަބުން ހަށިގަނޑަށް އެތަށް ފައިދާ ކުރާނެ ކަމަކެވެ. މި ކުދި ބަދަލު ގެނެސްގެން 2019 ވަނަ އަހަރަކީ އުމުރުގައި އައި އެންމެ ދުޅަހެޔޮއަހަރު ކަމުގައި ހެދުމަށް އަދިވސް ފުރުސަތު އެބައޮތެވެ.